ކޮވިޑްގެ ބަލީގައި ނިޔާވި އުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާ އަށް ސިއްހީ އިދާރާތަކުން އިހުމާލުވެފައިވާ މިންވަރު ދެނެގަތުމަށް ކުރި ތަހުގީގަށް ފަހު އިހުމާލުވާ މީހުންނަށް ފިޔަވަޅު އަޅަން ފުލުހަށް ފޮނުވައިފިއެވެ.
ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ބައެއް މީޑިޔާތަކަށް ވިދާޅުވީ މިޝްކާއަށް އިހުމާލުވި މީހުން ދެނެގަނެ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މިޝްކާއަށް އިހުމާލުވި މައްސަލަ ތަހުގީގު ކުރުމަށްފަހު އެ މައްސަލައިގެ ފުރިހަމަ ރިޕޯޓެއް މިހާރު ވަނީ ތަހުގީގީ އިދާރާތަކަށް ފޮނުވާފައެވެ.
ކޮވިޑް ޖެހިގެން ނިޔާވި އުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާގެ އަށް ފަރުވާ ދިނުމުގައި ލަސްތަކެއްވެ، އިހުމާލުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ ތަހުގީގު ރިޕޯޓުން އެނގޭ އިރު އެ ތަހުގީގު ކުރީ މިޝްކާ އަށް ފަރުވާ ދިނުމުގައި އިހުމާލްވެފައިވާ ކަމަށް އާއިލާ އިން ތުހުމަތުކޮށްފައި ވަނިކޮށެވެ.
އާއިލާ އިން ބުނި ގޮތުގައި މިޝްކާ ކުއްލިއަކަށް ހާލު ގޯސްވެ ނޭފަތުން ލޭ އައިސް ނޭވާލާން އުނދަގޫވާތީ އެމްބިއުލާންސެއް ފޮނުވައިދިނުމަށް އެދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެމަޖެންސީ ނަންބަރަށް ގުޅާ އެދުމުން އެމްބިއުލެންސް ފޮނުވީ ދެ ގަޑިއިރު ފަހުން ކަމަށެވެ. އެގޮތުން މިދިޔަ މެއި 31 ވަނަ ދުވަހުގެ ރޭ މިޝްކާ އައިޖީއެމްއެޗަށް ގެންގޮސް ވެންޓިލޭޓަރުގައި ފަރުވާދޭން ފެށިއެވެ. ނަމަވެސް ފަރުވާ ދިނުމުގައި ލަސްތަކެއް ވެފައިވާތީ، މިޝްކާ ވަނީ ޖޫން މަހުގެ 1 ވަނަ ދުވަހުގެރޭ މަރުވެފައެވެ.
އެމްބިއުލާންސް އައުން ލަސްވުމުގެ ސަބަބުން ފަރުވާދިނުން ލަސްވެ އުމުރުން އެންމެ 10 އަހަރުގައި މިޝްކާ މަރުވިއިރު މި މައްސަލައިގައި އެމްބިއުލާންސް ފޮނުވިކަމަށް ބުނެ ކޯލްސެންޓަރުގައި އިން ކުއްޖާ ހެދީ ދޮގުކަމަށް ހެލްތް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.
މިޝްކާ އަށް އެޓެންޑް ވާންޖެހޭ ފަރާތްތަކުން ފަރުވާތެރި ކަމާއެކު އެކަށީގެންވާ ވަގުތުގެ ތެރޭގާއި އެޓެންޑްވި ނަމަ އޭނާގެ ފުރާނަ ސަލާމަތް ކުރެވުނީސް ކަމަށް އޭނާގެ މަރާ ގުޅިގެން ހެދި ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފައެވެ.
މިޝްކާގެ މަރުގައި އިހުމާލެއްވޭތޯ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.