ދިރާގުގެ މި އަހަރުގެ ފުރަތަމަ ކުއާޓާގެ ސާފު ފައިދާއާ އަޅާބަލާއިރު މިއަހަރުގެ ދެވަނަ ކުއާޓާގެ ސާފު ފައިދާ ވަނީ ދަށަށް ގޮސްފައެވެ.

ކޮވިޑް-19 ގެ ސަބަބުން އައި ހީނަރުކަމާއެކު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ދެވަނަ ކުއާޓާގައި ލިބިފައި ވަނީ 195 މިލިއަން ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓާގައި 219 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް މުއާސަލާތީ ހިދުމަތްދޭ އެއް ކުންފުނި ކަމަށްވާ ދިރާގުގެ ދެވަނަ ކުއާޓާގެ މާލީ ރިޕޯޓް ދައްކާ ގޮތުން ފުރަތަމަ ކުއާޓާގައި ޖުމްލަ އާމްދަނީ އަށް 660 މިލިއަން ލިބުނު ނަމަވެސް ދެވަނަ ކުއާޓާގައި އާމްދަނީ ވަނީ 617 މިލިއަން ރުފިޔާ އަށް ވެއްޓިފައެވެ.

މޮބައިލް އާމްދަނީ އިން ދެވަނަ ކުއާޓާގައި ލިބިފައި ވަނީ 340 މިލިއަން ރުފިޔާއެވެ. އަދި ފިކްސްޑް ބްރޯޑްބޭންޑް އާއި އެންޓަޕްރައިސް ދާއިރާ އިން 261 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ދެވަނަ ކުއާޓާގައި ޓެކުހަށް ކެނޑުމުގެ ކުރިން އާމްދަނީގެ ގޮތުގައި 230 މިލިއަން ރުފިޔާ ދިރާގަށް ލިބިފައި ވެއެވެ. އަދި މި ކުއާޓާގައި ހިއްސާއަކަށް ޖެހިފައިވަނީ 2.58 ރުފިޔާއެވެ.