މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގައި ގާއިމްކޮށްފައިވާ އިނގިރޭސިވިލާތުގެ ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރު ހުޅުވައިފިއެވެ.

ފޮރިން މިނިސްޓްރީގައި ގާއިމްކޮށްފައިވާ މި ސެންޓަރުން މިއަދު ވަނީ އެޕްލިކޭޝަން ފޯމްތައް ބަލައިގަންނަން ފަށައިފައެވެ. މި ސެންޓަރު ގާއިމްކޮށްފައިވަނީ އޮގަސްޓަމަހުގެ 2 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 4، ދުވަހާ ހަމައަށެވެ.

މި ސެންޓަރު ހުޅުވާފައިވަނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިންނެވެ. އެއީ އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިންނަށް އަދި ހާއްސަކޮށް އިނގިރޭސިވިލާތަށް މަތީ ތައުލީމު ހާސިލުކުރުމަށް ދަތުރުކުރާ ދަރިވަރުންނަށް ވިސާގެ ކަންތައްތައް ލުއިފަސޭހަގޮތެއްގައި ހަމަޖައްސައިދިނުމުގެ ގޮތުން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އިނގިރޭސިވިލާތުގެ ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރުން ކުރިން އެޕޮއިންޓްމަންޓް ހައްދާފައިވާ ފަރާތްތަކުގެ ޑޮކިއުމަންޓްތައް ބަލައިގަންނާނެއެވެ. އަދި ބައޯމެޓްރިކްސް އެންރޯލްމަންޓްވެސް މި ސެންޓަރުގައި ކުރިޔަށްދާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މި މަސައްކަތަކީ ރައްޔިތުންނަށް ފޮރިން މިނިސްޓްރީން ފޯރުކޮށްދޭ ކޮންސިއުލާ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށާ ތަރައްގީކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ބައެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.