ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖެހުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 268،244 މީހަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން ހާމަ ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މިދިޔަ މަހު 31 ގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 322،710 މީހުންނެވެ. އޭގެތެރެއިން 268،244 މީހުން ވަނީ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހު މާލެއިން 1981 މީހަކު ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 854 މީހަކާއި ދެވަނަ ޑޯޒް ފުރިހަމަ ކުރި 1127 މީހެކެވެ. ހަމައެއާއެކު ރަށްރަށުން އެ ދުވަހު ވަނީ 2296 މީހަކު ވެކްސިން ޖަހާފައެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 92 މީހަކާއި ދެވަނަ ޑޯޒް ޖެހި 2204 މީހެކެވެ.

ޖުލައި 31 ވަނަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގައި އެސްޓްރަޒެނެކާ ވެކްސިން ޖަހައިދޭން ނިންމާފައިވާއިރު، އެ ވެކްސިން ޖަހަން ބޭނުންވާ މީހުން އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމެންޓް ނަގަން ޖެހެއެވެ.

އެސްޓްރަޒެނެކާ ވެކްސިން ޖަހައިދޭނީ މާލެ ސަރަހައްދުގެ ހަ ސެންޓަރަކުންނެވެ. އެއީ އާޓް ގެލެރީ، އިސްލާމިކް ސެންޓަރު، ސޯޝަލް ސެންޓަރު، ދަމަނަވެށި، ވިލިމާލެ ޔޫތު ސެންޓަރު އަދި ހުޅުމާލެ ހޮސްޕިޓަލެވެ.