ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ މުލިއާގެ ކައިރިއަށް ގޮސް، އެ ތަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހާގެ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

މިދިޔަ ޖުލައި މަހުގެ 9 ވަނަ ދުވަހު މުލިއާގެ ކައިރިއަށް ދެމީހަކު ފޮށިގަނޑަކާއި ދަބަހަކާއި ރަތް ކޮތަޅެއް ހިފައިގެން ގޮސް އެތަން ގޮއްވާލާނެކަމަށް ބުނެ އިންޒާރުދީ އަޑުގަދަކުރަން ފެށުމުން، މުލިއާގެ ސެކިއުރިޓީން ވަނީ އެދެމީހުން ހިފަހައްޓާފައެވެ. ނަމަވެސް އެތަނުން އެކަކު ވަނީ ހަމަ އެރޭ ދޫކޮށްލާފައެވެ. ބަންދުގައި ހުރީ މުލިއާގެ ގޮއްވާލާނެ ކަމަށް އިންޒާރު ދިން މީހާއެވެ.

ބައެއް މަސްދަރުރަކުގައިވާ ގޮތުން މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ މީހުންނަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ ބައެއް ކަމަށާއި އެ ދެ މީހުން މުލީއާގެ ކައިރިން ދިޔައީ ރިހެބުން ގެއަށް ދިޔަ މަގުމަތީގައި ކަމަށްވެއެވެ.

ތަހުގީގަށް މިހާރު ހައްޔަރު ކޮށްފައިވާ މީހާގެ ބަންދަށް ފުރަތަމަ ހަތް ދުވަސް ދިނުމަށް ފަހު ބަންދުގެ މުއްދަތު އިތުރު ކުރީ މި މަހުގެ 18 ވަނަ ދުވަހުއެވެ. ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން އެ ދުވަހު 15 ދުވަަސް އިތުރު ކޮށްދީފައިވާއިރު އޭނާގެ ބަންދުގެ މުއްދަތު ދެން ހަމަވާނީ އަންނަ މަހުގެ 8 ވަނަ ދުވަހަށެވެ.