މިދިޔަ 24 ގަޑިއިރުތެރޭގައި ރާއްޖެއިން 123 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 21 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 82 މީހަކާއި މިވަގުތު ހިންގަމުން ގެންދާ ރިސޯޓު ތަކުން 20 މީހުން ކަމަށެވެ. މިއާއެކު މިމަހު ޕޮޒިޓިވްވި ޖުމްލަ އަދަދު ވަނީ 3526 އަށް އަރާފައެވެ.

މިއަދު 123 މީހަކު ޕޮޒިޓިވް ވެފައިވާ އިރު އިއްޔެ ވަނީ 107 މީހަކު ޕޮޒިޓިވް ވެފައެވެ. އަދި މިއަދު 117 މީހަކު ބަލިން ރަނގަޅު ވެފައިވާ އިރު އިއްޔެ ބަލިން ރަނގަޅުވެފައި ވަނީ 146 މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު އެލކްޓިވް ކޭސްގެ އަދަދު މިވަނީ 2601 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު ޖުމްލަ އަދަދަކީ 77432 އެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން 74598 މީހުން މިހާތަނަށް ރަނގަޅުވެފައި ވާއިރު މަރުވި މީހުންގެ އަދަދު މިވަނީ 221 އަށް އަރާފައެވެ.

ރާއްޖެއިން މި ބަލި ފެނުނުތާ މިއަދާ ހަމައަށް 510 ދުވަސް ވެފައި ވާއިރު، މި ދިޔަ އަހަރު ނިމުނު އިރު 13،757 ކޮވިޑް ޕޮޒިޓިވް ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މިއަހަރު މިހާތަނަށް 63337 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މި ބަލީގައި މި އަހަރު ވަނީ 172 މީހަކު މަރުވެފައެވެ.

ވޭތުވެ ދިޔަ މަހުގެ ކޮވިޑް ކޭސްތައް މިވަނީ މި އަހަރުގެ މެއި މަހު ރިޕޯޓްކުރި ކޭސްތަކާ އަޅާބަލާ އިރު ވަރަށް ބޮޑުތަން ދަށަށް ގޮސްފައެވެ. މެއި މަހު ރިޕޯޓް ކުރި ކޭސްގެ އަދަދު 34،561 އަށް އަރާފައިވާ އިރު އެ މަހު މަރުވި މީހުންގެ އަދަދަކީ 88 އެވެ. އަދި ހުސްވި ޖޫން މަހު ވަނީ 9،402 މީހަކު ޕޮޒިޓިވްވެ 50 މީހަކު މަރުވެފައެވެ.