ހުޅުމާލޭގައި ވެކްސިން ޖެހުން ހުޅުމާލެ ހޮސްޕިޓަލަށް ބަދަލު ކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ހުޅުމާލޭގައި ވެކްސިން ޖެހުން ކުރިން ކުރިއަށް ގެންދިޔަ ފްލޫ ކްލިނިކް ބަންދު ކޮށް މިހާރު ވެކްސިން ޖަހަމުން ދާނީ ހުޅުމާލެ ހޮސްޕިޓަލުގައި ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލަށް ވެކްސިން ވެކްސިން ޕްރޮގްރާމު ބަދަލު ކުރި ނަމަވެސް ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ގެންދަނީ އެޕޮއިންމަންޓް އުސޫލުންނެވެ.

ވެކްސިން ޖެހުމުގެ އާ ޕްރޮގްރާމު މިއަދު ފަށާފައި ވާއިރު މިހާތަނަށް ވެކްސިން ނެޖެހި ތިބި އެންމެން ވެކްސިން ޖެހުމަށް އަވަސް ވުމަށް ކަމާބެހެ ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ވެކްސިން ޖެހުމަށް ރަޖިސްޓާ ވުމަށް ވަނީ އާންމުކޮށް ހުޅުވާލާފައެވެ.

ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ ތެރެއިން ވެކްސިން ނުޖެހި ތިބި އެންމެނަށް ވާވަރަށް މިހާރު ރާއްޖޭގައި ވެކްސިން އެބަހުއްޓެވެ.

ރާއްޖޭގައި ކޮވިޑުން ރައްކާތެރިވުމަށް ފުރަތަމަ ޖަހަން ފެށީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. ނަމަވެސް އިންޑިއާގެ ކޮވިޑްގެ ހާލަތު ގޯސް ވުމުގެ ސަބަބުން އެގައުމުން ވެކްސިން ލިބުމަށް ދަތިވެ ކޮވިޝީލްޑް ޖަހަފައިތިބި ގިނަ އަދަދެއްގެ ރައްޔިތުންނަށް މާޔޫސްކަން ވެރިވެގެން ދިއައެވެ. ނަމަވެސް ކޮވިޝީލްޑް ވެކްސިން މީހަކު ހަދިޔާ ކުރުމުން، މިއަދާ ޖެހެންދެން އެ ވެކްސިން ޖަހަމުން ގެންދިޔައެވެ.

މިއަދުން ފެށިގެން މާލޭ ސަރަހައްދުގައި އެސްޓްރަޒެނެކާ ވެކްސިން ޖަހައިދޭން ފަށާއިރު، އެ ވެކްސިން ޖަހަން ބޭނުންވާ މީހުން އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމެންޓް ނަގަން ޖެހެއެވެ.

އެސްޓްރަޒެނެކާ ވެކްސިން ޖަހައިދޭނީ މާލެ ސަރަހައްދުގެ 6 ސެންޓަރަކުންނެވެ. އެއީ އާޓް ގެލެރީ، އިސްލާމިކް ސެންޓަރު، ސޯޝަލް ސެންޓަރު، ދަމަނަވެށި، ވިލިމާލެ ޔޫތު ސެންޓަރު އަދި ހުޅުމާލެ ހޮސްޕިޓަލެވެ.

އެސްޓްރާޒެނިކާ ވެކްސިން ޖަހަމުން ދަނީ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒުގެ ގޮތުގައެވެ. ދެވަނަ ޑޯޒުގެ ގޮތުގައި އެސްޓްރާޒެނިކާ ވެކްސިން ޖަހަނީ ކޮވިޝީލްގެ ފުރަތަމަ ޑޯޒު ޖަހާފައިވާ މީހުންނަށެވެ.

ސަރުކާރުގެ އަމާޒަކީ އަންނަ މަސް ނިމުމުގެ ކުރިން ވެކްސިން ޖަހަން ޖެހޭ އާބާދީގެ 90 ޕަސަންޓަށް ވެކްސިން ޖެހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.