އަވަށްޓެރި އިންޑިއާގެ ދެކުނު ކެރަލާ ސްޓޭޓްގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ކޭސްތައް އިތުރު ވާން ފެށުމާއެކު އެ ސްޓޭޓް ލޮކްޑައުން ކުރަން ނިންމައިފިއެވެ.

2 ދުވަހުގެ މުއްދަތަށް ކެރަލާ ލޮކްޑައުން ނިންމާފައި ވަނީ، ކޮވިޑް-19 ގެ ހޮޓްސްޕޮޓްއަކަށް ނުވަތަ ހާލަތު އެންމެ ގޯސް ސަރަހައްދަކަށް ކެރަލާ ސްޓޭޓް ވަމުން ދާތީ، އެކަން ކޮންޓްރޯލް ކުރުމަށް، އިންޑިއާގެ ފެޑެރަލް ސަރުކާރުން، ތަޖުރިބާކާރުން ފޮނުވަން ވިސްނަމުން ދާ ދަނޑިވަޅެއްގައެވެ.

މުޅި ދުނިޔެ ސިއްސުވާލި ކޮވިޑް-19ގެ ތޫފާނަށް ފަހު އިންޑިއާއިން ކޭސް ނަންބަރު ދަށްވި ނަމަވެސް، ތަޖުރިބާރުން ވަނީ، މާ އަވަހަށް ސިޓީތައް އަލުން ހުޅުވާލުމާ ދެކޮޅަށް އިންޒާރު ކޮށްފައެވެ.

ކެރަލާ ސްޓޭޓަށް ބަލާއިރު މިވަގުތު އެކްޓިވް ކޭސް ލޯޑް އުޅެނީ 154000 ގައެވެ. މިއީ އިންޑިއާގެ މުޅި ޖުމުލަ އެކްޓިވް ކޭސްތަކަށް ބަލާއިރު 37.1 ޕަސެންޓްއެވެ. މުޅި އިންޑިއާއަށް ބަލާއިރު، ބައްޔަށް ޕޮޒިޓިވްވާ ރޭޓްވެސް އެންމެ މަތީގައި އުޅެނީ ކެރަލާގައެވެ.

ފައިތުވީ 4 ހަފުތާއަށް ބަލާއިރު، ކެރަލާގެ 14 ޑިސްޓްރިކްޓުން، ދުވަހުން ދުވަހަށް ކޭސް ރެކޯޑް ކުރި ނިސްބަތް ވަނީ އިތުރު ވެފައެވެ.

ހަރުކަށި ލޮކްޑައުންގެ އަމުރު، ކެރަލާގައި ތަންފީޒު ކުރަން ފަށާނީ އަންނަ އާދީއްތަ ދުވަހުއެވެ.

އިންޑިއާގެ މައި ސަރުކާރުން ވަނީ ކެރަލާގައި ހާލަތު ގޯސްވެފައިވާ ސަރަހައްދުތަކަށް، ތަޖުރިބާކާރުންގެ 6 މެންބަރުންގެ ޓީމެއް ދަތުރު ކުރާނެ ކަމަށާ، އަދި ބަލިމަޑުކަން ކޮންޓްރޯލް ކުރާނެ އިސްތިރާޖުތަކާ ބެހޭ ގޮތުން، އެ ސަރަހައްދުގެ ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރާނެ ކަމަށެވެ.

ކޮވިޑް-19ގެ 3 ވަނަ ރާޅެއް، އިންޑިއާއަށް ކުރިމަތި ނުވެ ނުދާނެ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ވަނީ އިންޒާރު ކޮށްފައެވެ. ފާއިތުވީ 24 ގަޑިއިރަށް ބަލާއިރު، އެގައުމުން ކޮވިޑަށް ޕޮޒިޓިވްވެގެން ރެކޯޑް ކޮށްފައި ވަނީ 43509 ކޭހެކެވެ. މިއާއެކު އެ ގައުމުން މިހާތަނަށް ރެކޯޑް ކުރި ޕޮޒިޓިވް ކޭހުގެ އަދަދު މިވަނީ 31.53 މިލިއަނަށް އަރާފައެވެ. ނަމަވެސް، ހަގީގީ އަދަދުތައް މިއަށްވުރެ މާ މަތި ވާނެ ކަމަށް ބެލެވެއެވެ.