ނިމިދިޔަ ޖޫންމަހުގެ ކަރަންޓް ބިލް ބޮޑުކަމަށް ފެންނަނީ ކޮވިޑާ ގުޅިގެން ދިން ސަބްސިޑީ ޖުލައި މަހު ކަރަންޓު ބިލަށް އިއާދަކުރުމުން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ޖުލައި މަހުގެ ކަރަންޓްބިލު ބޮޑު ކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ފެންމަތިވުމާ ގުޅިގެން ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު ހުސައިން ފަހުމީ އާއި ސުވާލު ކުރުމުން ވިދާޅުވީ ޖުލައި މަހުގެ ބިލު ބޮޑުކަމަށް ދައްކަނީ ޖޫން މަހުގެ ބިލަށް ޑިސްކައުންޓް ދީފައި ޖުލައި މަހުގެ ބިލުގައި އެ ޑިސްކައުންޓް ނުހިމެނޭތީ ކަމަށެވެ. އަދި ޖޫން މަހާއި ޖުލައި މަސް އަޅާ ކިޔައިފިނަމަ އެ ފަރަގު ބޮޑުވާނެ ކަމަށާ އަދި އެކަން ބޮޑަށް ފާހަގަ ވާނެ ކަމަށް ވެސް ފަހުމީ ފާހަގަ ކުރެއްވިއެވެ.
އެހެން ނަމަވެސް ޖުލައި މަހުގެ ބިލާއި ސަބްސިޑީ ދީފައި ނުވާ މަސްމަހާ އަޅާ ކިޔާއިރު މާ ބޮޑު ތަފާތެއް ފެންނަން ނެތް ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ ކޮންމެ މަހެއްގައިވެސް އަންނަަ ބިލްތައް، މާލެ ހުޅުމާޅެ އަދި އަތޮޅުތެރޭގެ ރަށްތައް ވަކިން ރިވައިޒް ކުރާ ކަމަށެވެ. އަދި މިމަހުގެ ބިލުން މާ ބޮޑު ފަރަގެއް އެހެން މަސްމަހާ އަޅާ ބަލާއިރު ފާހަގަ ކުރެވިފައި ނުވާ ކަމަށް ވެސް ފަހުމީ ފާހަގަ ކުރެއްވިއެވެ.
ގިނަ އާންމު ރައްޔިތުން ތަކެއް މި މައްސަލަ ދިމާވެފައިވާ ކަމުގެ ޝަކުވާ ފެންމަތިކޮށްފައި ވަނިކޮށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ މިކަން ފާހަގަ ކުރައްވާ ޓުވީޓެއް ކުރައްވާފައެވެ.
މުއިއްޒު ވިދާޅުވީ މިމަހުގެ ކަރަންޓު ބިލަކީ މާލޭގެ ގިނަ ރައްޔިތުން ތަކަކަށް ދެއްކޭވަރަށް ވުރެ ބޮޑު ބިލެއް ކަމަށެވެ. އަދި މިމަހުގެ ކަރަންޓު ބިލު ބޮޑުވުމުގެ ސަބަބުން ހާލުގައި އުޅެމުންދާ ރައްޔިތުންނަށް އިތުރު ހާލެއް ޖެހިފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވެފައި ވެއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ މިމަހުގެ ކަރަންޓު ބިލަށް ރައްޔިތުން ފައިސާ ދައްކަން ޖެހިފައި ވަނީ އަތުގައި ނެތް ފައިސާއަކުން ކަމަށެވެ.
ކޮވިޑާ ގުޅިގެން ޖޫން މަހުގެ ކަރަންޓް ބިލަށް ޑިސްކައުންޓް ދިނުމަށް މޭ މަހުގެ 25 ވަނަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވިއެވެ.
ޑިސްކައުންޓް ދިނުމަށް ނިންމީ ގޭބިސީ ކަރަންޓު ބިލުން 40 އިންސައްތަ އަދި ކުދި ވިޔަފާރިތަކުގެ ކަރަންޓު ބިލުން 20 އިންސައްތަ ޑިސްކައުޓެކެވެ.
ކޮވިޑްގެ ހާލަތާ ގުޅިގެން ގިނަ ބައެއްގެ އާމްދަނީއަށް ވަނީ ވަރަށް ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. މިގޮތުން އެތައް ބައެއްގެ ވަޒީފާ ގެއްލި ކުރިން ލިބޭ އާމްދަނީއަށް ވުރެ ކުޑަކޮށް މިހާރު އާމްދަނީ ލިބެމުންދާ މީހުންވެސް މަދެއް ނޫނެވެ.
މާލޭގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ވެސް ވަނީ ކޮވިޑްގެ ހާލަތުގެ ސަބަބުން ލިބޭ އާމްދަނީ މަދުވުމުން އެމީހުންގެ ރަށަށް އަލުން ބަދަލުވެފައެވެ.
މީހުން ޗުއްޓީގަ އެޗެތި ނުޖައްސާ، އެކަމު ކަރަންޓުބިލް އެންމެ ބޮޑު އެއްމަސް.
މީހުން ޗުއްޓީގަ، އެކަމު ކަރަންޓުބިލް އެންމެ ބޮޑު އެއްމަސް.
މުއިއްޒު މެން ވެރިކަމުގައި ކަރަންޓު ބިލު ކުޑަނުކޮށް މިއަދު ކަރަންޓު ބިލު ބޮޑުވެގެން މުއިއްޒު އެވާހަކަދައްކަވަނީ ކީއްވެތަ
ކޮންމެވެސް ބަހަނާއެއް ދައްކާނެ. ވާރޭ ނުވެހޭތީ ހޫނުވުމުގެ ސަބަބުންނޭ ނުބުނެވޭނެ. ރޯދަމަސް ނޫން ވީމަ ކަރަންޓު އާލާތް ބޭނުން ކުރުން އިތުރުވީމީމަޢޭ ނުބުނެވޭނެ. ދެން ކޮންމެވެސް ބަހަނާއެއް ކިޔަންވާނެނު. ރައްޔިތުންގެ ލޭ ބޮއިބަލަ މަސް ކައިބަލަ.