އެސްޓްރަޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ރާއްޖޭގައި ޖަހަން ބޭނުންވާ މީހުންނަށް އެޕޮއިންޓްމެންޓް ދޫކުރަން ފަށައިފިއެވެ.

އަންނަ ހޮނިހިރު ދުވަހުން ފެށިގެން މާލޭ ސަރަހައްދުގައި އެސްޓްރަޒެނެކާ ވެކްސިން ޖަހައިދޭން ނިންމާފައިވާއިރު، އެ ވެކްސިން ޖަހަން ބޭނުންވާ މީހުން އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމެންޓް ނަގަން ޖެހެއެވެ.

އެޗްޕީއޭއިން ބުނީ ޕޯޓަލްގައި އެ މީހެއްގެ މައުލޫމާތު ފުރިހަމަކުރުމަށް ފަހު، ވެކްސިން ޖަހަން ދާން ބޭނުންވާ ގަޑި އަދި ތާރީހު އިހުތިޔާރު ކުރުމުން އެޕޮއިންޓްމެންޓް ހަމަޖެހުން ކަމުގެ މެސެޖެއް ލިބޭނެ ކަމަށެވެ.

އަދި އެޕޮއިންޓްމެންޓް ހަމަޖެހިފައިވާ ގަޑީގެ 15 މިނެޓް ކުރިން ވެކްސިން ޖެހުމަށް ހަމަޖެހިފައިވާ ސެންޓަރަށް ދިއުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

އެސްޓްރަޒެނެކާ ވެކްސިން ޖަހައިދޭނީ މާލެ ސަރަހައްދުގެ ހަ ސެންޓަރަކުންނެވެ. އެއީ އާޓް ގެލެރީ، އިސްލާމިކް ސެންޓަރު، ސޯޝަލް ސެންޓަރު، ދަމަނަވެށި، ވިލިމާލެ ޔޫތު ސެންޓަރު އަދި ހުޅުމާލެ ހޮސްޕިޓަލެވެ.

އެސްޓްރާޒެނިކާ ވެކްސިން ދެމުން ދަނީ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒުގެ ގޮތުގައިއެވެ. ދެވަނަ ޑޯޒުގެ ގޮތުގައި އެސްޓްރާޒެނިކާ ވެކްސިން ދެނީ ކޮވިޝީލްގެ ފުރަތަމަ ޑޯޒު ޖަހާފައިވާ މީހުންނަށެވެ.

އަތޮޅުތެރޭގައި އެސްޓްރާޒެނިކާ ވެކްސިން ދޭން މިހާރު ވަނީ ފަށާފައެވެ.

ސަރުކާރުގެ އަމާޒަކީ އަންނަ މަސް ނިމުމުގެ ކުރިން ވެކްސިން ޖަހަންޖެހޭ އާބާދީގެ 90 ޕަސަންޓަށް ވެކްސިން ދިނުން ކަމަށް އެޗްޕީއިން ބުނެއެވެ.