ވިލިމާލެގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އަނެއްކާ ވެސް އަލިފާނުގެ ހާދިސާއެއް ހިނގާފިއެވެ.

އެމްއެންޑީއެފުން ބުނީ ކުޑަކުދިންގެ ހިޔާގެ ހަތަރު ވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 06:03 ހާއިރު ކަމަށެވެ.

ފަޔާފައިޓަރުން ކުރި މަސައްކަތުން އަލިފާން 06:10 ގައި ކޮންޓްރޯލް ކުރެވިފައިވާއިރު އަލިފާން އެއްކޮށް ނިއްވާލެވިފައި ވަނީ މިއަދު ހެނދުނު 07:20 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އަލިފާނުގެ ހާދިސާގައި ކުޑަކުދިންގެ ހިޔާއަށް ގެއްލުން ވެފައި / ފޮޓޯ: އެމްއެންޑީއެފް

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފާ ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ އެ ކޮޓަރީގައި ހުރި ބައެއް ތަކެއްޗަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސްއިން އެ ހާދިސާ އިތުރަށް ބަލަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިއީ ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި ކުޑަކުދިންގެ ހިޔާގައި ހިނގި ތިން ވަނަ އަލިފާނުގެ ހާދިސާއެވެ.

މިގޮތުން، ޖޫން 6، 2021 ވަނަ ދުވަހު ވެސް ވިލިމާލެ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިގައިފައި ވެއެވެ.

އެހާދިސާ ހިނގީ ވިލިމާލެ ކުޑަކުދިންގެ ހިޔާގެ 2 ވަނަ އިމާރާތުގެ ޓެރަސްގައި އެއްޗެހި ރައްކާކުރުމަށް ހަދައިފައިހުރި ގުދަނުގައެވެ.

އޭގެ އިތުރުން މޭ /.؛4، 2021 ވަނަ ދުވަހު ވެސް ވިލިމާލެ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގިއިރު އެ އަލިފާނުގެ ހާދިސާގައި އެ ހިޔާގައި ތިބޭ ކުދިންގެ އައްނައުނު ބަހައްޓާ އަލަމާރިއާއި ކަބަޑުތައް ވަނީ މަނީ މުޅިންހެން އަނދާ އަޅިއަށް ވެފައެވެ. ހަމައެއާއެކު އެތަނުގައި ހުރި ބައެއް އެނދުތަކާއި ހިފާ ގެންގުޅޭ ސާމާނުތައް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.