މެދުކަނޑާލާފައި އޮތުމަށް ފަހުގައި މާދަމާއިން ފެށިގެން އަނެއްކާވެސް ސެނަހިޔާ އިން ކޮވިޑް-19 ދިފާއުވުމަށް ޖަހާ، ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދޭން ފަށާނެއެވެ.

ހެލްތް ޕެރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ، މާދަމާއިން ފެށިގެން ހެނދުނު 9:00 އިން 11:00 ވެކްސިން ޖަހައިދޭނެ ކަމަށެވެ. މިގޮތުން ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހިތާ 3 ހަފުތާ ވެފައިވާ ކޮންމެ މީހަކަށް ވެސް މާދަމައިން ފެށިގެން ސެނަހިޔާއިން ދެވަނަ ޑޯޒް ޖެހޭނެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން ހާމަ ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މިމަހު 23 ގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 321،255 މީހުންނެވެ. އޭގެތެރެއިން 260،774 މީހުން ވަނީ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑުން ރައްކާތެރިވުމަށް ޖަހަން ފަށާފައިވަނީ އަވަށްޓެރި އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. ނަމަވެސް އިންޑިއާގެ ކޮވިޑްގެ ހާލަތު ގޯސް ވުމުގެ ސަބަބުން އެގައުމުން ވެކްސިން ލިބުމަށް ދަތި ވެ ކޮވިޝީލްޑް ޖަހަފައިތިބި ގިނަ އަދަދެއްގެ ރައްޔިތުންނަށް މާޔޫސްކަން ވެރިވެގެން ދިއައެވެ. ނަމަވެސް ކޮވިޝީލްޑް ވެކްސިން މީހަކު ހަދިޔާ ކުރުމުން، މިހާރު ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ވެސް ވަނީ ދޭން ފަށާފައެވެ.

އެ ގޮތުން މި ވެކްސިން ރާއްޖޭގައި އަނެއްކާ ޖަހަން ފަށާފައި މި ވަނީ މިމަހު ހަތަރު ވަނަ ދުވަހުން ފެށިގެންނެވެ.