ބ. ފުޅަދޫގައި މޫދަށް އެރިއުޅުނު މީހަކު ގެނބިގެން މަރުވެއްޖެއެވެ.

ފުޅަދޫ ކައުންސިލް މެމްބަރު ފާތިމަތު ޝަޒްނާ "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަރުވެފައިވަނީ 30 އަހަރުން މަތީގެ ފިރިހެނެއް ކަމަށެވެ.

"ދަ ޕްރެސް" އަށް އެނގިފައި ވާ ގޮތުން އެމީހާ މަރުވީ، މޫދަށް އެރި އުޅުނު އަންހެން 2 ކުއްޖަކު އޮޔާ ދަނިކޮށް ސަލާމަތް ކުރަން އުޅެނިކޮށް ކަމަށެވެ. އެ އަންހެން 2 ކުދިން ސަލާމަތް ކުރަން 2 މީހަކު އެރުނު ކަމަށާއި މަރުވީ އެތަނުން އެކަކު ކަމަށްވެސް ވަނީ އެނގިފައެވެ.

ބައެއް މަސްދަރުތަކުން ބުނާ ގޮތުން މަރުވި މީހަގެ އުމުރަކީ 36 އަހަރު ކަމަށާއި އޭނާ ގެނބުމާ ގުޅިގެން ބ. ފުޅަދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައި އޮތް ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

މަރުވި މީހާއަކީ ބ. ފުޅަދޫ އަށް ޗުއްޓީ އަށް ގޮސް އުޅުނު ދިވެހި ފިރިހެނެކެވެ.

ނަމަވެސް މި ހާދިސާއާ ބެހޭ އިތުރު ތަފްސީލު ރަށު ކައުންސިލުންވެސް އަދި ފުލުހުންގެ ފަރާތުންވެސް ނުލިބޭތީ ހާދިސާ ހިނގަން ދިމާވި ގޮތް އަދި ވަނީ ސާފު ނުވެފައެވެ.