ކޮވިޑް ބަލިން ރައްކާތެރިވުމަށާއި ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ މަހުގެ 10 ގައި ފެށުމުގެ ކުރިން ސްކޫލުތަކުގެ މުވައްޒަފުން ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފިއެވެ.

ވެކްސިންގެ އެއް ޑޯޒް ޖަހައި، ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިނުވާ މުވައްޒަފުން އެކަން ފުރިހަމަކުރުމުގެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ކަމާ ބެހޭ ފަރާތްތަކާ އެކު މިނިސްޓްރީ އިން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ސްކޫލުތަކުގެ ކިޔެވުން ފަށާއިރު ކޮންމެ މުވައްޒަފަކީ ވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހަކަށް ވާންޖެހެއެވެ. އަދި އެއްވެސް ސަބަބަކާ ހުރެ ވެކްސިން ޖެހެން ނެތް ނަމަ، އެ ސަބަބު އަންގައިދޭ އެޗްޕީއޭގެ ލިޔުމެއް ސްކޫލަށް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

ފަސް ލައްކައެއްހާ މީހުން އުޅޭ ރާއްޖޭގެ އާބާދީގެ ވެކްސިން ޖެހޭ އުމުރުގެ ތެރެއިން 260،991 މީހަކު މިހާތަނަށް ވެކްސިން ފުރިހަމަ ކޮށްފައި ވެއެވެ. އަދި 321،350 މީހަކު ވަނީ ފުރަތަމަ ޑޯޒް ޖަހާފައެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހާ އުމުރުގެ 90 ޕަސެންޓް މީހުންނަށް އަންނަ މަހުގެ ނިޔަލަށް ވެކްސިން ޖަހައި ނިންމޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް މިއަދު ވިދާޅުވިއެވެ. އެއީ ކޮވިޑް ވެކްސިން ޖަހަން ޖެހޭ އުމުރުގެ އެންމެންނަށް ވެކްސިން ދިނުމަށް ފަށާ ޕްރޮގްރާމްގެ ތެރެއިން ކުރާ ކަމެކެވެ.