ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަންޖެހޭ ވެކްސިން ފުރިހަމަކޮށްފައި ވާ މީހުންގެ ތެރެއިން ޖުލައި 23 ގެ ކުރިން ރާއްޖެ އައިސް މިހާރު 7 ދުވަސް ވެފައިވާ މީހުން ކަރަންޓީނުން ދޫކޮށްލަން އެޗްޕީއޭއިން އަންގައިފިއެވެ.
މި މަހުގެ 23 ވަނަ ދުވަހުގެ ކުރީން ރާއްޖެއަށް އެތެރެވެ މިހާރު ކަރަންޓީނުގައި ތިބި މީހުން ކަރަންޓީނުން ދޫކުރުމާއި ޕީސީއާރު ޓެސްޓު ހެދުމާގުޅޭ ގޮތުން ރޭ ނެރުނު އެންގުމުގައި ބުނެފައިވަނީ ކޮވިޑް-19ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ފުރިހަމަކޮށް ރާއްޖެ އައިތާ ހަތް ދުވަހުގެ މުއްދަތަށް ކަރަންޓީނުގައި ތިބި މީހުން ކަރަންޓީނުން ދޫކޮށްލަން އަންގާފައިވާ ކަމަށެވެ. އެ މީހުންނާ އެކުގައި ދަތުރުކޮށް ރާއްޖެ އައިސް ވެކްސިން ތިބި، ނުޖެހޭ އުމުރުގެ ކުޑަކުދިންވެސް ކަރަންޓީނުން ދޫކޮށްލަން ޖެހެއެވެ.
ރާއްޖެއަށް އެތެރެވިތާ 5 ދުވަހާއި 7 ދުވަހާ ދެމެދުގެ މުއްދަތު ހަމަވެފައިވާ މީހުން ވަގުތުން ޕީސީއާރު ޓެސްޓް ހަދަން ޖެހެއެވެ. ރާއްޖެއަށް އެތެރެވިތާ 5 ދުވަސް ފުރިހަމަނުވާ މީހުން ރާއްޖެއަށް އެތެރެވިތާ 5 ދުވަހާއި 7 ދުވަހާ ދެމެދުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހަދަން ޖެހެއެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވެފައިވާ މީހުންގެ ތެރެއިން ޕޮޒިޓިވްވި ސާމްޕަލް ނެގި ތާރީހުން ފެށިގެން ރާއްޖެ އަންނަ ދުވަހާ ހަމައަށް 60 ދުވަސް ހަމަނުވާ މީހުން ކަރަންޓީނުން ދޫކޮށްލަން ޖެހެއެވެ. އަދި މީހުންނާ އެކުގައި ދަތުރުކޮށް ރާއްޖެއަށް އެތެރެވެފައިވާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ރާއްޖެއަށް އެތެރެވިތާ 5 ދުވަހާއި 7 ދުވަހާއި ދެމެދުގެ މުއްދަތު ހަމަވެފައިވާނަމަ ވަގުތުން ޕީސީއާރު ޓެސްޓު ހަދަން ޖެހެއެވެ. އަދި ރާއްޖެއަށް އެތެރެވިތާ 5 ދުވަސް ފުރިހަމަނުވާ މީހުން ރާއްޖެއަށް އެތެރެވިތާ 5 ދުވަހާއި 7 ދުވަހާ ދެމެދުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހަދަން ޖެހެއެވެ.