ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުގެ ބާރު ގަދަކޮށް، އަފްގާނިސްތާނުގެ ގިނަ ސިޓީތަކަކަށް އެ ޖަމާއަތުން އަތްގަދަ ކުރަމުން ދާ މި ދަނޑިވަޅުގައި، މަސްރަހު ކޮންޓްރޯލް ކުރުމުގެ ގޮތުން، އަފްގާނިސްތާނުގެ ސަރުކާރުން، އެ ގައުމުގެ ބޮޑު ސަރަހައްދެއްގައި ކާފިއުގެ އަމުރު އިއުލާން ކޮށްފިއެވެ.

ވެރިރަށް ކާބުލްގެ އިތުރުން އެހެން ޕްރޮވިންސްތަކެއްގައި ކާފިއު އިއުލާން ކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެންނެވެ. އެގޮތުން، ކޮންމެ ރެއަކުވެސް 10:00 އިން ފަތިހު 04:00 އަށް ކާފިއުގެ އަމުރު ތަންފީޒު ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މި ދަނޑިވަޅަކީ އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ އަސްކަރީ ފައުޖުތަކުން ހަލުވި ދުވެލީގައި އެ ގައުމު ދޫކޮށް ފައިބަމުން ދާ ދަނޑިވަޅަކަށް ވާއިރު، ތޯލިބާން ޖަމާއަތާއި އަފްގާނިސްތާނުގެ މައި ސަރުކާރާ ދެމެދު ބަދަލު ކުރަމުންދާ ހަމަލާތަކާ ހިންގަމުންދާ ހަމަނުޖެހުންތައް ދަނީ އިތުރު ވަމުންނެވެ.

ދީނީ ހަރުކަށި ފިކުރުތަކެއް ގަބޫލު ކުރާ ތޯލިބާން ޖަމާއަތުން އަފްގާނިސްތާނުގައި ކުރަމުން ދިޔަ ވެރިކަން ނިމުމަކަށް ގެނައީ، މީގެ 20 އަކަށް އަހަރު ކުރިން، އެމެރިކާ ސިފައިން އަފްގާނިސްތާނަށް އަރާ، ބައިނަލްއަގުވާމީ ފައުޖުތަކާ ގުޅިގެން ކުރި ހަނގުރާމާގައެވެ. އެމެރިކާ ސިފައިން އަފްގާނިސްތާނަށް އެރީ، ސެޕްޓެމްބަރު 11، 2001 ވަނަ ދުވަހު އެމެރިކާއަށް ދިން ވަރުގަދަ ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން، ޓެރަރިޒަމާ ދެކޮޅަށް ފެށި ހަނގުރާމައެއްގެ ނަމުގައެވެ.

އެމެރިކާ-އަފްގާން ހަނގުރާމަ ފެއްޓެވި އެމެރިކާގެ ރައީސް ވަނީ، މި ދަނޑިވަޅުގައި އެމެރިކާ ސިފައިން އަފްގާނިސްތާނުން ބޭލުމަކީ ހެދޭ ގޯހެއް ކަމަށް ސިފަކުރައްވާފައެވެ. ނަމަވެސް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން ވަނީ އޯގަސްޓް 31، 2021 ގެ ނިޔަލަށް އެމެރިކާގެ ފައުޖުތައް އަފްގާނިސްތާނުން ބާލާނެކަން އިއުލާން ކުރައްވާފައެވެ.