ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖެހުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 260،774 މީހަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން ހާމަ ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މިމަހު 23 ގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 321،255 މީހުންނެވެ. އޭގެތެރެއިން 260،774 މީހުން ވަނީ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

24 ވަނަ ދުވަހު މާލޭގެ ސެންޓަރުތަކުން ވެކްސިން ޖެހުމުގެ ހަރަކާތް ކުރިޔަށް ގެންގޮސްފައެއް ނުވެއެވެ.

24 ވަނަ ދުވަހު ކޮވިޑް ވެކްސިން ޖުމްލަ 303 މީހަކަށް ޖަހާފައި ވާއިރު، އޭގެ ތެރެއިން 148 މީހަކަށް ވަނީ ކޮވިޑް ވެކްސިންގެ އެއްވަނަ ޑޯޒް ޖަހާފައެވެ. އެ ދުވަހު ދެވަނަ ޑޯޒް ޖެހި މީހުންނަށް ބަލާއިރު ޖުމްލަ 155 މީހަކު ވަނީ ވެކްސިން ޖަހާފައެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑުން ރައްކާތެރިވުމަށް ޖަހަން ފަށާފައިވަނީ އަވަށްޓެރި އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. ނަމަވެސް އިންޑިއާގެ ކޮވިޑްގެ ހާލަތު ގޯސް ވުމުގެ ސަބަބުން އެގައުމުން ވެކްސިން ލިބުމަށް ދަތި ވެ ކޮވިޝީލްޑް ޖަހަފައިތިބި ގިނަ އަދަދެއްގެ ރައްޔިތުންނަށް މާޔޫސްކަން ވެރިވެގެން ދިއައެވެ. ނަމަވެސް ކޮވިޝީލްޑް ވެކްސިން މީހަކު ހަދިޔާ ކުރުމުން، މިހާރު ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ވެސް ވަނީ ދޭން ފަށާފައެވެ.

އެ ގޮތުން މި ވެކްސިން ރާއްޖޭގައި އަނެއްކާ ޖަހަން ފަށާފައި މި ވަނީ މިމަހު ހަތަރު ވަނަ ދުވަހުން ފެށިގެންނެވެ.