ރާއްޖޭގައި އިތުރު 338 މީހުން ވެކްސިންގެ 2 ވަނަ ޑޯޒް ފުރިހަމަކޮށްފިއެވެ.

މި 338 މީހުންނަކީ ވެސް އަތޮޅުތެރެއިން ވެކްސިންގެ 2 ވަނަ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ތަފާސް ހިސާބުގައިވާ ގޮތުން ބުރާސްފަތި ދުވަހު ރާއްޖޭގެ އަތޮޅުތަކުން 116 މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ.

ބުރާސްފަތި ދުވަހު މާލޭގެ ސެންޓަރުތަކުން ވެކްސިން ޖެހުމުގެ ހަރަކާތް ކުރިޔަށް ގެންގޮސްފައެއް ނުވެއެވެ.

ކޮވިޑުން ރައްކާތެރި ވުމަށް ރާއްޖޭގައި ވެކްސިން ޖެހުމަށް ހިންގާ ޕްރިގްރާމްގެ ދަށުން މިހާތަނަށް 260،619 މީހުން ވަނީ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި 321،107 މީހުން ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، ފުރަތަމަ ޑޯޒް ޖެހުމަށްފަހު 2 ވަނަ ޑޯޒް ނުޖަހާ 60،488 މީހުން އެބަ ތިއްބެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑުން ރައްކާތެރިވުމަށް ޖަހަން ފަށާފައިވަނީ އަވަށްޓެރި އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. ނަމަވެސް އިންޑިއާގެ ކޮވިޑްގެ ހާލަތު ގޯސް ވުމުގެ ސަބަބުން އެގައުމުން ވެކްސިން ލިބުމަށް ދަތި ވުމުން ކޮވިޝީލްޑް ޖަހަފައިތިބި ގިނަ އަދަދެއްގެ ރައްޔިތުންނަށް މާޔޫސްކަން ވެރިވެގެން ދިއައެވެ. ނަމަވެސް ކޮވިޝީލްޑް ވެކްސިން މީހަކު ހަދިޔާ ކުރުމުން، މިހާރު ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ވެސް ވަނީ ދޭން ފަށާފައެވެ.

ރާއްޖޭގައި މިހާރު 3 ބްރޭންޑެއްގެ ވެކްސިނ އަންނަނީ ދެމުންނެވެ. އެއީ ކޮވިޝީލް، ސިނޯފާމް އަދި ފައިޒާ ވެކްސިނެވެ.