ހުޅުމާލެ ޗައިނާޓައުން ސަރަހައްދުގައި ބާރުގަދަ އެއްޗެއް ގޮވައިގެން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މިކަން ފުލުހުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ފުލުހުން ބުނީ ހާދިސާ ހިނގައިގެން އުޅޭނީ ހުޅުމާލެ ބޯގަންވިލާމަގު، ކުޅިވަރު ކުޅުމަށް ހާއްސަކޮށްފައި އޮންނަ ހުސްބިން ސަރަހައްދުގައި ކަމަށެވެ.

ގޮވީ ކޮން އެއްްޗެއް ކަން އަދި ސާފު ނުވި ނަމަވެސް އެ ސަރަހައްދަށް އެއްވެފައި ތިބި އާންމުންގެ ބައެއް މީހުން ބުނީ، ބާރު އަޑެއް އިވުނު ކަމަށާއި، ގޮވި އެއްޗެއްގެ އެތޮކޮޅުތައް މަގުމައްޗަށް ވެއްޓިފައި ހުރި ކަމަށެވެ. އަދި ބައެއް މީހުން ބުނީ ގޮވި ކަމަށް ބެލެވެނީ ފީފާއެއް ކަހަލަ އެއްޗެއް ކަމަށެވެ.

ގޮވި ކަމަށް ބެލެވޭ އެތީގެ ބައެއް އެ ސަރަހައްދަށް ވެއްޓިފައި / ފޮޓޯ: ސީއެންއެމް

އެ ގޮވުމުގެ އަޑު އިވުނު އެހެން ބައެއް މީހުން ބުނީ އިވުނީ، ހަވާ އަރުވާއިރު ގޮވާކަހަލަ ބާރުގަދަ އަޑެއް ކަމަށާއި އޭގެތެރެއިން ވެސް އެންމެ އަޑުގަދަ ގޮވުމާ އެއްފަދަ އަޑެއް ކަމަށެވެ.

މި ހާދިސާއާ ގުޅޭ ގޮތުން އެމްއެންޑީއެފް އިން އަދި ވަކިއެއްޗެއް ނުބުނެއެވެ. ނަމަވެސް އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ސިފައިންން ދަނީ ހަތިޔާރާއެކު ހަރަކާތްތެރި ވަމުންނެވެ. އަދި ސިފައިންގެ ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީއުވެސް ސީންގައި އެބައުޅުއްވައެވެ.

އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުންވެސް ހަރަކާތްތެރިވަމުން ދާއިރު ފުލުހުންގެ ދެ ވެހިކަލަކާއި ސިފައިންގެ ދެ ވެހިކަލެއް ވެސް އެބައޮތެވެ.

މިހާތަނަށް ސާފުވި މައުލޫމާތުން އެނގޭ ގޮތުގައި އެއްވެއް މީހަކަށް އަނިޔާއެއް ނުވެއެވެ.

ހުޅުމާލޭގެ ގޮވުމާ ގުޅިގެން ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެފައި ވަނީ، ގޮވުމާއެކު ރައްޔިތުން ތިބޭނީ ހާސްކަމެއްގައި ނަމަވެސް ސަލާމަތީ ހިދުމަތްތަކުގެ އިރުޝާދާ އެއްގޮތަށް އާންމުން ކަންކަން ކުރަމުން ގެންދިއުން އެދިވަޑައިގަންނަވާ ކަމަށެވެ.

ހުޅުމާލޭގައި ބާރުގަދަ އަޑެއް ގޮވައިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ އިރު، މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު މާލޭގައި ވަނީ ބޮމެއް ގޮއްވާލާފައެވެ. އެ ބޮން ގޮއްވާލާފައިވަނީ ރައްޔިތުިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ކަމަށް ފުލުހުން ބުނާއިރު އެ ފަދަ މައްސަލަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ދަނީ ތަހުގީގު ކުރަމުންނެވެ.