ކޮވިޑް ރާއްޖެއިން ފެނުނުތާ ދޮޅު އަހަރުވުމާ މި ވަނީ ގާތްވެފައެވެ. ދޭތެރެ ދޭތެރެއިން ކޭސްތައް މަދުވި ނަމަވެސް ދޭ ލުއިތަކާއެކު އަނެއްކާވެސް ކޭސްތައް އިތުރުވާތަން ވަނީ ދެ ފަހަރެއްގެ މަތިން ފެނިފައެވެ. މިއަހަރު އަޟްހާ އީދު އަހަރެމެންނާ ބައްދަލު ކުރި އިރު ކޮވިޑް ކޭސްތައް މަދުވެފައި ވީ ނަމަވެސް ރަށްރަށަށް ގޮސް އީދު ކުޅިވަރު ކުޅުމަށް އެޗްޕީއޭ އިން ވަނީ ހާއްސަ އުސޫލުތަކެއް ކަނޑައަޅާފައެވެ. އުސޫލުތަކެއް އޮތް ނަމަވެސް ރަށްރަށަށް އީދު ފާހަގަކުރަން އެތައް ބަޔަކު މާލެއިން ދިޔަ އިރު އެމީހުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކޮށްފައި ވޭތޯ މިއީ އުފެދޭ ބޮޑު ސުވާލެކެވެ.

'ދަޕްރެސް' އަށް މައުލޫމާތު ދެމުން މިފަހަރު އަޟްހާ އީދު ފާހަގަ ކުރަން ކ. ހިންމަފުއްޓަށް ދިޔަ މީހަކު ބުނީ، އެމީހުން އެރަށަށް ދިޔައީ ލޯންޗުގައި ކަމަށެވެ. އަދި ލޯންޗު ލެފުމާއެކު ރަށަށް އެންމެންތައް ފައިބައިގެން ދިޔައިރު އެމީހުންގެ ޕީސީއާރް ޓެސްޓުގެ ނަތީޖާ އޮތީ ކިހިނެއްތޯ އެ ރަށުން ބަލާފައި ނުވާ ކަމަށެވެ. ހަމައެއާއެކު އެ ރަށުގައި ވަރަށް ކުލަ ގަދަކޮށް އީދު ކުޅިވަރުތައް ފާހަގަކޮށްފައިވާ ކަމަށާއި ނަމަވެސް ރަށުތެރޭގައި އާންމުން އުޅުނު އިރު ގިނައީ މާސްކް ނާޅާ އުޅުނު މީހުން ކަމަށް އެ ފަރާތުން މައުލޫމާތު ދެއެވެ.

"މާލޭގައި އުޅެފައި ޗުއްޓީ ހޭދަކޮށްލަން ރަށަކަށް އައި އިރު މާސްކް ނާލާ މީހުން އެއްވެ އުޅޭތަން ފެނުނީމަ ވަރަށް ބިރުގަތް. ގެއިން ބޭރަށް ނިކުންނަން މީހުން އެއްވެ އުޅޭ ތަންތަނަށް ދާން ވެސް ބިރުން މިހުންނަނީ. ރަށަށް އައި ތާ އެއްދުވަސްވީ އަދިވެސް ޕީސީއާރް ޓެސްޓު ހެދިތޯ ނުބަލާ"
މާލެއިން ހިންމަފުއްޓަށް ދިޔަ މީހެއް

މިކަމާ ގުޅިގެން އެޗްޕީއޭ އިން ބުނީ، މި ވަގުތު ވެސް މާސްކް އެޅުމަކީ މަޖުބޫރު ކަމެއް ކަމަށާއި ރަށްރަށަށް ދެވޭނީ ނެގެޓިވް ޕީސީއާރް ޓެސްޓެއްގެ ނަތީޖާއާއެކު ކަމަށެވެ.

ހިންމަފުއްޓަށް އެރި މީހުންގެ ޕީސީއާރް ޓެސްޓުގެ ނަތީޖާ ބަލާފައި ނުވާތީ އެކަމާ ގުޅިގެން ރަށުގެ ކައުންސިލާ ސުވާލު ކުރުމުން އެރަށު ކައުންސިލްގެ ރައީސް ހަސަން ފާއިޒް ވިދާޅުވީ، އީދަށް އެރަށަށް އަންނަ މީހުން ޕީސީއާރް ޓެސްޓު ހެއްދުމަށާއި އަދި އެޗްޕީއޭ އިން އަންގާފައިވާ ގޮތަށް އަމަލު ކުރުމަށް އަންގާފައި އޮންނަ ކަމަށެވެ. ރަށަށް ގިނަ އަދަދެއްގެ މީހުން މި ވަގުތު އަންނަ އިރު އެމީހުން ޕީސީއާރް ޓެސްޓު ހަދައިގެން އާދޭތޯ ވަކި ވަކިން ނުބަލާ ކަމަށާއި ޝައްކުވާ ފަދަ ކޭސްއެއް ފެނިއްޖެ ނަމަ އެ ގެއެއް ބަލަން ނިންމާފައިވާ ކަމަށް ފާއިޒް ވިދާޅުވިއެވެ.

ހުރިހާ ރަށެއްގައި ވެސް މާސްކް އެޅުމަކީ މަޖުބޫރު ކަމަކަށް ވާއިރު އެ ރަށުގައި މީހުން މާސްކް ނާޅާ އުޅޭތީވެސް ރަށަށް ދިޔަ މީހަކު ކަންބޮޑުވުން ފާޅުކުރިކެވެ.

ކ. ހިންމަފުށީގައި އީދު ފާހަގަ ކުރުމުގެ ތެރެއިން / ފޮޓޯ: ދަ ޕްރެސް
"އަޅުގަނޑުމެން އަންގާފަ އޮންނާނީ މިކޮޅަށް އަންނަ އިރު އެޗްޕީއޭގެ ގައިޑަލައިނާ އެއް ގޮތަށް އަމަލު ކުރަން. މިވަގުތު ރަށްރަށަށް އަރާ މީހުން ނުބަލަން. އަޅުގަނޑުމެން އެކަހަލަ މައުލޫމާތެއް ލިބިއްޖިއްޔާ އަޅުގަނޑުމެން އެތަންތަނަށް ގޮސް ޗެކް ކުރަނީ."
ހިންމަފުށި ކައުންސިލް ރައީސް ހަސަން ފާއިޒް

މި ކަމާ ގުޅިގެން ފާއިޒް ވިދާޅުވީ، މާސްކް އެޅުމަށް ވެސް ކައުންސިލުން ވާނީ އިލްތިމާސްކޮށްފައި ކަމަށާއި އަދި މާސްކް ނާޅާ އުޅޭ މީހުންނަށް ފިޔަވަޅު އެޅުމަށް ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް މި މައްސަލަތަކާ ގުޅޭ ގޮތުން ޓެގްޓީމާ އެކު މަޝްވަރާ ކުރަން ނިންމާފައިވާ ކަަމަށް ފާއިޒް ވިދާޅުވިއެވެ.

މާލެއިން ހިންމަފުއްޓަށް 20 މިނެޓުން ދެވޭ އިރު ތިން އިރަށް މާލެއިން ދަތުރުކުރާ ފެރީތައް އެ ރަށަށް ދަތުރު ކުރެއެވެ. އެތައް ބަޔަކު އީދާ ދިމާކޮށް ލިބުނު ލުއިތަކާ އެކު އެރަށަށް ވަނީ ގޮސްފައެވެ. އީދަށް ލުއިތައް ދިން އިރު ހިންމަފުށި އޮތީ މޮނިޓަރިން ހާލަތުގައެވެ. 85 ދުވަހުގެ މޮނިޓަރިންގައި ބޭއްވުމަށް ފަހު އެރަށް އާންމު ހާލަތަށް ބަދަލު ކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

ކ. ހިންމަފުށީގައި އީދު ފާހަގަ ކުރުމުގެ ތެރެއިން / ފޮޓޯ: ދަ ޕްރެސް

މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުގައި މާސްކް ނާޅާ މީހުން އުޅެނީ މިހާރަކު އެކަންޏެއް ނޫނެވެ. ކުރިން އެރަށް މޮނިޓަރިންގެ ހާލަތުގައި އޮތް އިރު ވެސް ބައެއް އާންމުން މާސްކް ނާޅާ އުޅުނު ކަމުގެ މައުލުމާތު ވަނީ ލިބެއެވެ.

ޕީސީއާރް ޓެސްޓު ހަދައިގެން ރަށްރަށަށް ދާން ދީފައިވާ ހުއްދައާ އެއްގޮތަށް އަމަލު ނުކުރުމަކީ ހީވެސް ނުކުރާ ވަރުގެ ބިރުވެރި ނަތީޖާއެއް އެކަމުން ނުކުމެދާނެ ކަންކަމެވެ. ސާމްޕަލް ނަގަން ގިނަ ވަގުތު ކިއުގައި މަޑުކޮށްގެން އެއް ބަޔަކު އެ ޓެސްޓު ހަދާއިރު އަނެއް ބަޔަކު ކްލިނިކް ތަކުން އެ ޓެސްޓު ހަދަނީ އަތުން ފައިސާ ދީ ހޭދަތަކެއް ކޮށްގެންނެވެ. ނަމަވެސް އެ ޓެސްޓުގެ ނަތީޖާ މިފަދައިން ބަލައި ޗެކް ނުކުރާ ނަމަ ޓެސްޓު ނުހަދާ ވެސް މީހުން ރަށްރަށަށް ދިއުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. އަދި މިހެން މިކަން ދިމާވެއްޖެ ނަމަ އީދު ކްލަސްޓާއެއް އުފެދުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

ކ. ހިންމަފުށީގައި އީދު ފާހަގަ ކުރުމުގެ ތެރެއިން / ފޮޓޯ: ދަ ޕްރެސް

މިއީ ހަމައެކަނި ހިންމަފުށީގެ ހާލަތެއް ނޫނެވެ. މި ފަހަރު އީދު ފަހާގަ ކުރާ ގިނަ ރަށްރަށުގައި ވެސް މީހުން އެއްވެ އުޅުމާއި މާސްކް ނާޅާ އުޅޭ ވީޑިއޯތައް ސޯޝަލް މިޑިއާއިން ފެންނަން އެބަހުއްޓެވެ. އެޗްޕީއޭ އިން އަންގާ ގޮތަށް އާންމުން އަމަލު ކުރަން ޖެހުމަކީ ފަރުދީ ޒިންމާއެކޭ އެއްބަޔަކު ބުނާ އިރު އެ އުސޫލުތައް ތަންފީޒު ކުރަން ތިބޭ ބަޔަކު ތިބުމަކީ ފަރުދީ ޒިންމާ އަދާ ނުކުރާ އެތައް ބަޔަކަށް ލިބިގެންދާ ހިތްވަރެކެވެ.

އީދަށް ލިބިގެން ދިޔަ ލުއިތަކާ އެކު ދިވެހިން ރަށްރަށަށް ފުރައިގެން ދިޔަ އިރު، އަނެއްކާ ވެސް ކޮވިޑްގެ ބިޔަ ރާޅެއް އަތުވެދާނެތީ އެކަމާ ވިސްނާލަން ވާނެ ނޫން ހެއްޔެވެ. އެނެއްކާ ކޭސްތައް އިތުރުވާން ފަށައިފި ނަމަ ފިޔަވަޅުތައް ވަރުގަދަކޮށް ބަންދު ކުރީމާވެސް އުނދަގޫވާނީ އާންމު ރައްޔިތުންނަށެވެ.