މި އަހަރުގެ ދެވަނަ ކުއާޓާގައި އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 63 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެމްޓީސީސީގެ ދެވަނަ ކުއާޓާގެ މާލީ ރިޕޯޓު ދައްކާގޮތުގައި އެ ކުންފުންޏަށް 423 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ އިރު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 63 މިލިއަން ރުފިޔާއެވެ. މި އަހަރުގެ ފުރަތަަމަ ކުއާޓަގައި ވެސް އެ ކުންފުންޏަށް ލިބުނީ 423 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. ނަމަވެސް ސާފު ފައިދާގެ ގޮތުގައި ފުރަތަމަ ކުއާޓާގައި ލިބުނީ 62 މިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ކުންފުންޏަށް ލިބުނީ 248 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. އަދި ސާފު ފައިދާގެ ގޮތުގައި ލިބުނީ 15 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު ހަތަރު ގުނަ އިތުރުވުމެކެވެ.
މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި އެމްޓީސީސީގެ އާމްދަނީ އާއި ފައިދާ ދަށްވެފައި ވަނީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުން އެ ކުންފުނީގެ ގިނަ ޕްރޮޖެކްޓުތަކެއްގެ މަސައްކަތް ހުއްޓުމާ ގުޅިގެންނެވެ. އެ ކުންފުނިން ވަނީ ގޮންޖެހުންތަކާ އެކު ވެސް މިދިޔަ އަހަރު ރެކޯޑު އަދަދެއްގެ ފައިދާ ހޯދައި ފައެވެ.
މިދިޔަ އަހަރު އެމްޓީސީސީގެ ސާފު ފައިދާގެ ގޮތުގަައި 191 މިލިއަން ރުފިޔާ ލިބުނެވެ. އޭގެ ކުރީ އަހަރު ފައިދާގެ ގޮތުގައި ލިބުނީ 53 މިލިއަން ރުފިޔާއެވެ.