އަފްގާނިސްތާނުން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ އަންހެން ދަރިފުޅު، ސިލްސިލާ އަލީހިލް ވަގަށް ނަގާ، ރަހީނު ކޮށްފައި ވާ ކަމަށް ބުނެ ފެންމަތިވެފައިވާ މައްސަލާގައި، އެއީ ހަގީގަތުގައިވެސް ހިނގި ކަމެއް ކަމަށް ބުނެވޭ ވަރުގެ ހެކި ފެނިފައި ނުވާ ކަމަށް، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންގެ ވަޒީރަކު ވިދާޅުވެއްޖެއެވެ.

އަފްގާނިސްތާނުގެ ފޮރިން މިނިސްޓްރީއިން މީގެ ކުރިން ހާމަ ކޮށްފައި ވާ ގޮތުގައި ސިލްސިލާ ވަގަށް ނަގާ، ރަހީނު ކޮށްފައި ވަނީ ޓެކްސީއެއްގައި ދުއްވަމުން ދަނިކޮށެވެ. އަދި އެތައް ގަޑިއިރެއް ވަންދެން ރަހީނެއްގެ ގޮތުގައި އޭނާ ބައިންދާފައި ވާ ކަމަށްވެސް އަފްގާނިސްތާނުން ބުނެއެވެ. މި ހާދިސާގައި ސިލްސިލާއަށް ބޮޑެތި އަނިޔާތަކެއް ކޮށްފައި ވާ ކަމަށްވެސް އަފްގާނިސްތާނުގެ ފޮރިން މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

އަފްގާނިސްތާނާއި ޕާކިސްތާނަކީ ދިގުދެމިގެން ގޮސްފައިވާ ހީނަރު ގުލުމެއް އޮތް ދެ ގައުމެވެ.

އަފްގާނިސްތާނު ސަފީރުގެ އަންހެން ދަރިފުޅު ވަގަށް ނެގާ، އަނިޔާ ދިން ކަމަށް އަފްގާނިސްތާނުން ބުނަމުން ދާ މައްސަލާގައި، ޕާކިސްތާނުގެ ދާހިލީ ވަޒީރު ޝައިހު ރާޝިދުވެސް ވަނީ ރަހީނު ކުރުމުގެ ޖަރީމާއެއް ހިންގާފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

ބުނެވޭ ގޮތުގައި ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ 700 ގަޑިއިރުގެ ސީސީޓީވީ ފުޓޭޖުގެ އިތުރުން 200 އެއް ހާ ޓެކްސީ ބަލާ ފާސް ކޮށްފައެވެ. ނަމަވެސް އިސްލާމްއާބާދުން ސިލްސިލާ ވަގަށް ނަގާ، ރަހީނު ކުރި ކަމުގެ ހެއްކެއް ފެނިފައި ނުވާ ކަމަށް ޕާކިސްތާނުން މިހާރު ދަނީ ބުނަމުންނެވެ.

އަފްގާނިސްތާނުގެ ތުހުމަތުތަކަކީ ޕާކިސްތާނުގެ އަގު ވައްޓާލަން ދައްކާ ވާހަކަތަކެއް ކަމަށާ، ސިލްސިލާގެ ވާހަކަތައް ހުރި ގޮތާއި، ޕާކިސްތާނުން ހޯދި ހޯދުންތަކުން އެނގުނު އެއްޗަކާ ދެމެދު ފުށޫ އެރުންތަކެއް ހުރި ކަމަށްވެސް ރާޝިދު ވަނީ ވިދާޅުވެފައެވެ.

އަދި މިކަމަކީ ޕާކިސްތާނުން އަޅާ ނުލާ ދޫކޮށް ލާނެ ކަމެއް ނޫން ކަމަށްވެސް ޕާކިސްތާނުގެ ދާހިލީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

ސިލްސިލާ ވަގަށް ނަގާ، ރަހީނު ކުރި ކަމަށް ބުނާ ހާދިސާއާ ގުޅިގެން އަފްގާނިސްތާނުން ވަނީ، އެ ގައުމުން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަނބުރާ ގައުމަށް ގެންދިއުމަށް ނިންމާފައެވެ. ސަބަބެއް ކަމުގައި ބުނަނީ ސަލާމަތީ ގޮތުން ނުރައްކާ ކުރިމަތިވުމެވެ.