ހިޔާ ފްލެޓްތަކަށް ކަރަންޓް ހިދުމަތް ފޯރުކޮށް ދިނުމުގެ މަސައްކަތް ނިންމާ އެޗްޑީސީއާ ހަވާލު ކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، އެ މަސައްކަތް ކުރުމަށް ހަވާލު ކުރި ޗައިނާގެ ބްރައުން-ސީއެމްއީސީ ނަމަކަށް ކިޔާ ކުންފުނިން މަސައްކަތް ކުރިއަށް ގެންދިޔައީ ސްޓެލްކޯގެ ޓެކްނިކްލް އެހީތެރިކަމާއެކުގައެވެ.

މިއަދު މި މަސައްކަތް ނިންމާ ހަވާލުކޮށްފައި ވާ އިރު މި މަސައްކަތުގެ ހިޔާ ފްލެޓްގެ ކޮންމެ ޓަވަރަކަށް ގުޅަން ޖެހޭ ކަނެކްޝަން އަންނަ މަހުގެ 17 ގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މިހާރު ހިޔާ ފްލެޓްތައް ލިބިފައިވާ ފަރާތްތައް އެގްރިމަންޓްގައި ސޮއި ކުރުމުގެ ކަންކަން ކުރިއަށް ދާ އިރު އެ މަސައްކަތް އަންނަ އޮގަސްޓް މަހުގެ 15 އާ ހަމައަށް ނިންމާލެވޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެއްބަސްވުމުގައި ސޮއިކޮށް ނިމުމާއެކު އެ ފްލެޓްތަަކުގެ ވެރިންނަށް ފްލެޓްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެހެންކަމުން ފްލެޓްތައް ދިނުމުގެ ކުރިން ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށް އެޗްޑީސީން ބުނެއެވެ.