ދުނިޔޭގެ އިގުތިސޯދަށް ކުރިމަތިލާން ޖެހިފައި ވާ ޕްރެޝަރު ކުޑަ ކުރުމަށްޓަކާ ތެލުގެ އަގުތައް ހެޔޮ ކުރުމުގެ ގޮތުން، ތެޔޮ އުފައްދާ މިންވަރު އިތުރު ކުރުމަށް، ދުނިޔޭގެ ފެންވަރުގައި ފުޅާ ދާއިރާއެއްގައި ތެޔޮ އުފައްދަމުން އަންނަ ގައުމުތަކުން އެއްބަސްވެއްޖެއެވެ.

އޯޕެކް އަދި އެ އިއްތިހާދުގެ ރަޝިއާ ފަދަ ބައިވެރިން ވަނީ، ތެޔޮ އުފައްދާ މިންވަރު، ކުރިއަށް އޮތް އޯގަސްޓް މަހުން ފެށިގެން އިތުރު ކުރަން ނިންމާފައެވެ. މި ދަނޑިވަޅަކީ ފާއިތުވީ 2 އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި ނުދާހާ މައްޗަށް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލިފައި ވާ ދަނޑިވަޅެކެވެ.

އިނގިރޭސިވިލާތުގެ ބްރެންޓް ކުންފުނިން ވިއްކާ ސާފު ނުކުރާ ތެލުގެ އަގުތައް ވަނީ މިއަހަރުގެ މިހާ ހިސާބަށް އާދެވުނު އިރު، 43 ޕަސެންޓަށް އިތުރުވެފައެވެ. ފީފާއެއްގެ އަގު، ގާތްގަނޑަށް 74 ޑޮލަރަށް އަރައެވެ.

އޯޕެކްގެ މި ނިންމުމަކީ، ޕެޓްރޯލް ޝެޑްތަކުގެ އަގުތަކަށްވެސް ބަދަލު ގެނުވަނިވި ނިންމުމަކަށް ވާނެ ކަމަށް ބެލެވެއެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު އޯޕެކާއި އެ އިއްތިހާދުގެ ބައިވެރިން ދުވާލެއްގެ މައްޗަށް ތެޔޮ އުފައްދާ މިންވަރުން 10 މިލިއަން ފީފާ އުނިކޮށްފައެވެ. ނަމަވެސް މިއަހަރު، އިގުތިސޯދުތައް އަލުން ހިންގައިގަތުމާއެކު ތެލަށް އޮތް ޑިމާންޑް އިތުރުވެ، އަގުތައް ވަނީ އުފުލިފައެވެ.

ތެޔޮ އުފައްދާ މިންވަރަށް ގެނައި ބަދަލު އުވާލުމަށް ތެޔޮ އުފައްދާ ގައުމުތަކުން މީގެ ކުރިންވެސް މަސައްކަތް ކުރިއެވެ. ނަމަވެސް ސައުދީ އަރަބިއްޔާއާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާ ދެމެދު އުފެދިފައި އޮތް ދެބަސްވުންތަކުގެ ސަބަބުން އެކަން އޭރު ކާމިޔާބު ވާ ގޮތެއް ނުވިއެވެ.

އޯޕެކާއި އެ އިއްތިހާދުގެ ބައިވެރިން އެންމެ ފަހުން ވެފައި ވާ އެއްބަސްވުމުގެ ދަށުން، އޯގަސްޓް މަހުން ފެށިގެން ޑިސެމްބަރު 2021 ގެ ނިޔަލަށް، ދުވާލެއްގެ މައްޗަށް ތެޔޮ އުފައްދާ މިންވަރަށް 2 މިލިއަން ފީފާގެ ތެޔޮ އިތުރު ކުރާނެއެވެ. އަދި މިދިޔަ އަހަރު އުނިކުރި އަދަދު، ސެޕްޓެމްބަރު 2022 ގެ ނިޔަލަށް މުޅިން އުވޭނެ ކަމަށްވެސް ހަބަރު ލިބެއެވެ.