މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މަރާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ ޕޯސްޓްމޯޓަމް ރިޕޯޓް ލިބިފައިވާ ކަމަށާ އެ ރިޕޯޓާއެކު ތަހުގީގު ފުރިހަމަ ކުރަމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު އިންޑިއާގެ ޓްރިވެންޑްރަމަށް ގެން ދިޔައީ މި މަހުގެ ފަސްވަނަ ދުވަހުއެވެ. އަދި މި މަހުގެ 12 ވަނަ ދުވަހު ޕޯސްޓްމޯޓަމް ހެދުމަށްފަހު އެ ކުއްޖާގެ ހަށިގަނޑު ވަނީ މާލެ ގެނެސް އެރޭ އެ ކުއްޖާގެ ހަށިގަނޑު ވަނީ ވަޅުލާފައެވެ. ކުއްޖާގެ ހަށިގަނޑު ވަޅުލާފައިވަނީ މަރުވެފައި އޮއްވާ ފެނުނުތާ 21 ދުވަސް ފަހުންނެވެ.
ފުލުހުން މިރޭ ބުނީ ޕޯސްޓްމޯޓަމް ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި ގާނޫނުގައި ކަނޑައަަޅާފައިވާ މުއްދަތުގައި ޕީޖީ އޮފީހަށް ފޮނުވުމަށްޓަކައި ތަހުގީގު ފުރިހަމަ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ.
13 އަހަރުގެ ކުއްޖަކު ރަހީނު ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖޫން 20 ވަނަ ދުވަހުގައެވެ. އެ ކުއްޖާ ހޯދަމުން ދަނިކޮށް މަރާލާފައި އޮއްވާ ފެނިފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 2:38 ގައެވެ. ފެނުނު އިރު އެ ކުއްޖާ އޮތީ ފޮށިގަނޑަކަށް ލާ ހުޅުމާލެ ފޭސް 2 އާ ދިމާ މޫދަށް އެއްލާލާފައެވެ. މި ކުއްޖާ މަރާލުމުގައި ކުއްޖާއަށް ގިނަ އަނިޔާތަކެއް ދީފައި ވާއިރު ނޭވާ ހާސްކޮށްލަން ކަރުގައި އެއްޗެއް އޮޅާފައި ވާކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލައިގައި މިހާތަނަށް ވަނީ 2 މީހަކު ހައްޔަރު ކޮށްފައެވެ. އެއީ 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހުންގެ ބަންދަށް މުއްދަތު ޖަހަން ނެރުނު އަމުރުގައިވާ ގޮތުން 27 އަހަރުގެ ފިރިހެން މީހާގެ މައްޗަށް ފުލުހުން ތުހުމަތުކޮށްފައި ވަނީ މާރާމާރީ ހިންގުމާއި، ކުޑަކުއްޖަކާ މެދު ޖިންސީ ގޯނާ ކުރުމާއި، ރަހީނު ކުރުމާއި އަދި ގަސްދުގައި މީހަކު މެރުމުގެ ތުހުމަތެވެ. މި ތުހުމަތުތައް ވަނީ މި މައްސަލައިގައި ހައްޔަރު ކުރި 17 އަހަަރުގެ ކުއްޖާއަށް ވެސް ކޮށްފައެވެ.