ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖެހުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 242،370 މީހަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން ހާމަ ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މިމަހު 12ގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 319،378 މީހުންނެވެ. އޭގެތެރެއިން 242،370 މީހުން ވަނީ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

އެދުވަހު ކޮވިޑް ވެކްސިން ޖުމްލަ 7377 މީހަކަށް ޖަހާފައި ވާއިރު، އޭގެ ތެރެއިން 622 މީހަކަށް ވަނީ ކޮވިޑް ވެކްސިންގެ އެއްވަނަ ޑޯޒް ޖަހާފައެވެ. އެއީ މާލެ ސަަހައްދުން 225 މިހަކާއި އަތޮޅުތެރެއިން 397 މީހެކެވެ.

އެ ދުވަހު ދެވަނަ ޑޯޒް ޖެހި މީހުންނަށް ބަލާއިރު ޖުމްލަ 6755 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 3556 މީހަކާއި އަތޮޅު ތެރެއިން 3199 މީހެކެވެ.

ވެކްސިން ޖެހި މީހުންގެ ތެރެއިން ދެވަނަ ޑޯޒް ޖަހާ މީހުން މިހާރު އިތުރުވެފައި މި ވަނީ ރާއްޖޭގައި އަނެއްކާވެސް ކޮވިޝީލްޑް ވެކްސިން ޖަހަން ފެށުމުންނެވެ.

އެ ގޮތުން މި ވެކްސިން ރާއްޖޭގައި އަނެއްކާ ޖަހަނަ ފަށާފައި މި ވަނީ މިމަހު ހަތަރު ވަނަ ދުވަހުން ފެށިގެންނެވެ.