އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލް ކަސްޓަމަރުންނަށް ސާޕްލަސްގެ ގޮތުގައި 1،073،382 ރުފިޔާ ބަހަން ނިންމައިފިއެވެ.
އެލައިޑުން ވަނީ ސާޕްލަސް ލިބުމަށް ޝަރުތު ހަމަވާ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށަހެޅުމަށް ހުޅުވާލާފައެވެ.
އެ ކުންފުނިން ސާޕްލަސް ބެހުމަށް ހަމަޖެހިފައިވަނީ 2018 ވަނަ އަހަރުންނެވެ. އެގޮތުން 2018 ގެ ސާޕްލަސް ބެހުމަށް ކަނޑައަޅާފައިވަނީ ހޯމް، ކޮންޓްރެކްޓާސް އޯލް ރިސްކު، ފަޔަރ، މޮޓޯ، ބޯޓު ބިލްޑިންގ، ޕަބްލިކް ލައިބިލިޓީ، ޕްލާންޓް މެޝިނަރީ އަދި އިކުއިޕްމަންޓް، މެޝިނަރީ ބްރޭކް ޑައުން، ގްރޫޕް ޕާސަނަލް އެކްސިޑެންޓް، ޕެސެންޖާ ލައިބިލިޓީ، ޕްރޮފެޝަނަލް އިންޑެމްނިޓީ އަދި ކާގޯ ތަކާފުލް 2018ގައި ނަގާފައިވާ ކަސްޓަމަރުންގެ މެދުގައެވެ.
އަޔާދީ ތަކާފުލްއިން ބޭއްވި އޮންލައިން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން ވިދާޅުވީ ސާޕްލަސްގެ ގޮތުގައި ކަނޑައެޅޭ ފައިސާއަށް އެދި އެކަމަށް ޝަރުތުހަމަވާ ފަރާތްތަކުން ހުށައެޅުމުން އެފައިސާ ޖަމާކުރެވޭނީ އެފަރާތެއް ކުންފުނަޏަށް ވެރިފައިކޮށްދެއްވާފައިވާ އެފަރާތެއްގެ ބޭންކް އެކައުންޓަށް ކަމަށެވެ.
މިގޮތުން، އަމިއްލަ ފަރާތްތަކުގެ ބޭންކު އެކައުންޓް ވެރިފައިކުރުން އެލައިޑް މޮބައިލް އެޕްލިކޭޝަނާއި ވެބް ޕޯޓަލް؛ މައިއެލައިޑްގެ އަޔާދީއަށް ހާއްސަ ކުރެވިފައިވާ ބައިން ކުރިޔަށްގެންދެވޭނެކަމުގައި ވިދާޅުވިއެވެ. އަދި ބޭންކު އެކައުންޓެއް ނެތް ބޭފުޅެއްނަމަ، އެ ފަރާތަކުން ސީދާ ކުންފުނީގެ އޮފީހަށް ވަޑައިގަތުމުންވެސް ފައިސާ ދޫކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެކަމުގައި ހާމަކުރެއްވިއެވެ.
މީގެ އިތުރުން ފިރުޝަން ވިދާޅުވީ ސާޕްލަސް ލިބޭ ކަސްޓަމަރެއްކަން ޔަގީންކުރުމަށް ކަސްޓަމާ ފްރަންޓް އޮފީސް؛ ހ.އޯކިޑް (އަމީރު އަހުމަދު މަގު) އަށް ވަޑައިގެންނާއި ކަސްޓަމާ ކެއާ ނަންބަރު 1600 އަށް ގުޅުއްވައިގެންވެސް އެމައުލޫމާތު ސާފުވެގެންދާނެ ކަމުގައެވެ.
ސާޕްލަސްއަކީ ތަކާފުލްގައި ބައިވެރިވުމަށް ކަސްޓަމަރުން ކޮންޓްރިބިއުޝަން ފައިސާ ޖަމާކޮށް، ގާއިމްކުރާ "ބައިވެރިންގެ ފަންޑު" އިން ސީދާ ތަކާފުލްއާއި ގުޅޭ ހަރަދުތަކުގެ ގޮތުގައި ބެލެވޭ (ގެއްލުމުގެ ބަދަލު ދިނުމާއި ރީ-ތަކާފުލް ކުރުން ފަދަ ހަރަދުތައް) އުނިކުރުމަށްފަހު، ބާކީ ފައިސާ، ޕާޓިސިޕަންޓް ރިސްކް ފަންޑްގެ ގޮތުގައި އިންވެސްޓްކޮށްގެން އަހަރު ނިމޭއިރު ފަންޑުގައި އިތުރަށް ހުންނަ ފައިސާއަށް ކިޔާ ނަމެވެ.