ރައީސް ޔާމީނުގެ ސަރުކާރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމަށް ފަށައިފައިވާ މަޝްރޫއު ހިންގުމަށް ކުވައިތުން އިތުރު 50 ޑޮލަރު ލޯނުގެ ގޮތުގައި ދިނުމަށް ދިވެހި ސަރުކާރާއި ކުވައިތާދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރި މިއެއްބަސްވުމުގައި އެއާޕޯޓް މަޝްރޫއު ހިންގުމަށް ކުވައިތު ފަންޑުން 15 މިލިއަން ކުވެއިތު ދީނާރު ދިނުމަށް ހަމަޖެހިފައި ވެއެވެ. އެއީ އެމެރިކާ ޑޮލަރުން ބަލާނަމަ 49.95 މިލިއަން ޑޮލަރު އަދި ރުފިޔާއިން ބަލާނަމަ 770 މިލިއަން ދިވެހި ރުފިޔާއެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައިވަނީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. އަދި ކުވައިތު ފަންޑުން ސޮއިކުރައްވާފައިވަނީ އެ ފަންޑުގެ ޑިރެކްޓަރު ޖެނެރަލް ފޯ އެޑްމިން އެންޑް ފައިނޭންޝަލް އެފެއާޒް ނަދާލް އަލްއޮލަޔާނެވެ.
ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް މަޝްރޫއަކީ ރައީސް ޔާމީނު ވެރިކަމުގައި ފެށި މަޝްރޫއެކެވެ. 1 ބިލިއަން ޑޮލަރުގެ އަގުހުރި މި މަޝްރޫއަކީ ސައުދީ ފަންޑާއި އެމިރޭޓްސްއާއި ކުވައިތު ފަންޑުގެ އިތުރުން ޗައިނާގެ އެގްޒިމް ބޭންކުން ލޯން ނަގައިގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން އާ ރަންވޭއެއް ތަރައްގީކޮށް އެ ރަންވޭއަށް އޭ-380 މަރުކާގެ މަތިންދާ ބޯޓެއްވެސް ވަނީ ޖައްސާފައެވެ.