މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 4 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދީފިއެވެ.
ވެލާނާ އެއާޕޯޓުން އާންމު ކޮށްފައިވާ ތަފާސްހިސާބުގައި ވާގޮތުން މި އަހަރުގެ ފުރަތަމަ 6 މަހުގެ ތެރޭގައި ޖުމުލަ 4,108,845 ފަސިންޖަރުންނަށް ހިދުމަތް ދީފައިވެއެވެ. އަދި މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 4 އިންސައްތައިގެ ކުރިއެރުމެއް ކަމަށްވެސް ވަނީ ބުނެފައެވެ.
ވެލާނާ އެއާޕޯޓުން އިތުރަށް ބުނީ މި މުއްދަތުގައި 579،079 ފަސިންޖަރުން އެތެރޭގެ ދަތުރުތައް ކޮށްފައިވާއިރު، 2,669,969 ފަސިންޖަރުން ބައިނަލްއަގުވާމީ ދަތުރުތައް ނުވަތަ އިންޓަނޭޝަނަލް ދަތުރުތައް ކޮށްފައިވާ ކަމަށެވެ. އަދި 859,797 ފަސިންޖަރުން ސީ ޕްލޭންގެ ހިދުމަތް ހޯދާފައިވާ ކަމަށްވެސް ވެލާނާ އެއާޕޯޓުން ވަނީ ބުނެފައެވެ.
މީގެއިތުރުން 6 މަސް ތެރޭ އެއް ދުވަހެއްގައި އެންމެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފައިވަނީ ވީލް ބޭސްޑް ދަތުރުތަކުގައި 4 ޖެނުއަރީގައި ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން ޖެނުއަރީ 4 ވަނަ ދުވަހު 26،658 ފަސިންޖަރުންނަށް ހިދުމަތް ދީފައިވެއެވެ. އަދި ސީޕްލޭން އޮޕަރޭޝަންތަކުގައި ފެބްރުއަރީ 16 ވަނަ ދުވަހު 7،439 ފަސިންޖަރަކަށް ހިދުމަތް ދީފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި މި އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްވެސް ވަނީ ހުޅުވާފައެވެ. މި ޓާމިނަލާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު އިންގިލާބީ ކުރިއެރުމެއް އަންނާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު، މިއީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭގޮތަށް ތަރައްގީ ކޮށްފައިވާ ޒަމާނީ ޓާމިނަލެކެެވެ.
އެގޮތުން މި ޓާމިނަލުގައި 47 ސެލްފް ޗެކިން ކައުންޓަރާއި، އިމިގްރޭޝަން ކްލިއަރެންސް 20 ކައުންޓަރުގެ އިތުރުން ޓާމިނަލުން މަތިންދާ ބޯޓަށް އެރޭ ގޮތަށް 15 އެއިރޯބްރިޖް ގާއިމުކުރެވިފައިވާކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ.