އިންޑޮނޭޝިއާގެ ސައުތު ޖަކާޓާގައި ހިންގާ ކުޑަ ފިހާރައިގެ ބޭރުގައި ސަފުސަފަށް މީހުން އެތުރިގެން ތިބީ ލޯބިވާ މީހެއްގެ ނުވަތަ ބައެއްގެ ފުރާނަ ސަލާމަތް ކުރުމުގެ އުއްމީދުގައެވެ.

ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ރާޅަކާ ކުރިމަތިލާން ޖެހިފައިވާ އިންޑޮނޭޝިއާގެ ވެރިރަށުގައި، މިއަދު އެންމެ އަގުހުރި އެކައްޗަކަށް ވެފައި ވަނީ އޮކްސިޖަންއެވެ.

"އަހަރެން މިތާ މި ހުރީ މަންމައަށް އޮކްސިޖަން ޓޭންކެއް ގަންނަން. މަންމަ ކޮވިޑަށް ޕޮޒިޓިވްވީ އާދީއްތަ ދުވަހު. އެތައް ހޮސްޕިޓަލެއް ބެލިއްޖެ، އެކަމަކު ހުރިހާ ތަނެއް ފުރިފަ" ސަފުގައި މަޑުކޮށްލައިގެން ހުރި ޕިންޓާ ބުންޏެވެ.

އޮކްސިޖަން ސިލިންޑަރު ރީފިލް ކުރާ ފިހާރައެއް / ފޮޓޯ: ސީއެންއެން

އޮކްސިޖަން ވިއްކާ ތަންތަނުގެ ލިސްޓެއް ޕިންޓާ ގެންގުޅުނެވެ. ނަމަވެސް އެ ހުރިހާ ތަނެއް ހުރި ބަންދުކޮށްފައެވެ. ނުވަތަ އޮކްސިޖަން ހުސްވެފައެވެ. މިހާރު އޭނަ ސަފު ހަދައިގެން ހުރި ފިހާރައިގެ ވާހަކަ، ޕިންޓާ ގާތު ބުނީ އޭނާގެ އެކުވެރިއެކެވެ.

އޮކްސިޖަންއަށް އަތްފުނާ އެޅުމަކީ މިއަދު ޖަކާޓާގެ އާންމު ހާލަތެވެ. ބަލި މީހާގެ ފުރާނަ ސަލާމަތް ކުރެވުމާއި ނުކުރެވުމުގައި އޮތީ "ޗާންސް"އެކެވެ. އޮކްސިޖަން ހޯދަން ދުއްވާ މީހާއަށް ހުރެވެނީ ރަނގަޅު ފިހާރައިގެ ސަފުގައި، ރަނގަޅު ވަގުތުގައިތޯއެވެ.

އުމުރުން 29 އަހަރުގެ މިނާންޓީ ދަނީ، އޭނާގެ އުމުރުން ދުވަސްވީ ބައްޕައަށް ގޭގައި ފަރުވާ ދެމުންނެވެ. އެއީވެސް ހޮސްޕިޓަލަކުން ޖާގައެއް ނުލިބިގެންނެވެ. މިނާންޓީގެ ބައްޕައަކީ ހަކުރު ބަލީގެ ޕޭޝަންޓެކެވެ. ކިޑްނީގެ މައްސަލަތަކެއްވެސް ތަހައްމަލު ކުރަމުން ދާ އެ ބައްޕައަކީ،ކޮވިޑްގެ ހައިރިސްކް ޕޭޝަންޓެކެވެ. ނަމަވެސް، ޖަކާޓާގައި ތޮއްޖެހިފައިވާ ހޮސްޕިޓަލުތަކުގައި އޭނާއަށް ޖާގައެއް ނެތެވެ.

އިންޑޮނޭޝިއާގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުން ދާއިރު ފިހާރަތަކުގެ ބޭރުގައި ގިނަ ބަޔަކު ދަނީ އޮކްސިޖަން ހޯދަން ސަފު ހަދަމުން / ފޮޓޯ: އޭޕީ ނިއުސް

މިނާންޓީގެ ހާލަކީ މިއަދު އިންޑޮނޭޝިއާގެ އެތައް ހާސް ބަޔަކު އުޅެން ޖެހިފައި ވާ ހާލެވެ. މީގެ 2 މަހެއްހާ ދުވަސްކުރިން އިންޑިއާއިން ފެނުނު މަންޒަރުތައް، މިހާރު ތަކުރާރުވަމުން ދަނީ އިންޑޮނޭޝިއާގައެވެ.

މިނާންޓީމެން ފަދަ ރައްޔިތުންގެ ޝަކުވާއަކީ، ރައްކާތެރިކަމުގެ ގޮތުން ސަރުކާރުން އަވަސް ފިޔަވަޅުތަކެއް ނޭޅި ކަމެވެ. އަލިފާންގަނޑެއްގެ ހުޅުގަނޑު ފަޅައިގެން ދިޔަހާ ހަލުވި މިނުގައި ކޮވިޑްގެ ކޭސްތައް ފެތުރިގެން ދިޔަތީއެވެ.

މިއީ އިންޑޮނޭޝިއާގެ އާންމު ރައްޔިތުންގެ އެކަނި ހާލެއް ނޫނެވެ. ބޭނުން ވާ ވަރަށް އޮކްސިޖަން ނުލިބޭ ކަމުގެ ޝަކުވާ، ސިއްހީ ދާއިރާގެ މަސައްކަތްތެރިންވެސް ދަނީ ކުރަމުންނެވެ. އެތަންތަނުގައި ނެތީ އޮކްސިޖަން އެކަންޏެއް ނޫނެވެ. ކޮވިޑްގައި ހާލު ސީރިއަސްވާ މީހުންގެ ފަރުވާގައި ބޭނުން ކުރާ ރެމްޑެސެވިއާ ލިބުމުގައިވެސް އިންތިހާ ދަތިތައް އެބަހުއްޓެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނަ އިންޑޮނޭޝިއާއަށް ވަނީ އޮކްސިޖަން ސަޕްލައިގެ މައްސަލަ ކުރިމަތިވެފަ / ފޮޓޯ: އިންސައިޑާ

ސިއްހީ ހިދުމަތްދޭ 30 މުވައްޒަފަކުން ތިބި ކުލިނިކެއްގައި 300 ޕޭޝަންޓުންވެސް އެބަތިއްބެވެ. އިންސާނީ ވަސީލަތްތައްވެސް އޭގެ އެންމެ ކޮޅަށް ދެމިފައެވެ.

ޑރ އީރްނީ ހިރްދާނީއަކީ، ހޮސްޕިޓަލުތަކުން ޖާގަ ނުލިބި ގޭގައި ފަރުވާ ހޯދަމުން އަންނަ ޕޭޝަންޓުންނަށް އެހީގެ އަތެއް ދިއްކޮށްލާ ޑޮކްޓަރެކެވެ. އޭނާގެ ޓީމުގެ މެންބަރުންނަށް ގެތަކަށް ދެވޭއިރު، ޕޭޝަންޓުންގެ ގަބުރު ފެންނަ ފެނުން އާންމު ކަމަކަށް ވެއްޖެއެވެ.

އިންޑޮނޭޝިއާގެ ސަރުކާރުން އާންމު ކުރާ މައުލޫމާތަށް ބަލާއިރު، އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު 66000 އަށްވުރެ މައްޗަށް އަރާ ކަމަށް ދައްކައެވެ. ޑރ އީރްނީ ވިދާޅުވާ ގޮތުގައި، ހަގީގީ އަދަދުތައް މިއަށްވުރެ މާ މަތިވާނެއެވެ.

އިންޑޮނޭޝިއާގެ ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން / ފޮޓޯ: ޗައިދީރް މަހްޔުއްދީން

ކަން މިހެން އޮތް އިރު، އިންޑޮނޭޝިއާގެ ސިއްހަތާ ބެހޭ ވަޒީރު ވަނީ، އޮކްސިޖަން އުފައްދާ ފަރާތްތަކުން، މެޑިކަލް ގްރޭޑްގެ އޮކްސިޖަންއަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރިއަށް ގެންދަން އިރުޝާދު ދެއްވާފައެވެ.

އިންޑޮނޭޝިއާގެ މަސްރަހަށް އަދިވެސް ލުއި ލިބޭކަށް ނެތެވެ. ދުވާލެއްގެ މައްޗަށް ކޭސް ރިޕޯޓް ކުރާ މިންވަރު، ބައި ލައްކައަށް ނުވަތަ 700000 އަށްވެސް އެރުން އެކަށީގެން ވާ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.