މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން އަތޮޅުތެރޭގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކަށް ވަޒީފާގެ ފުރުސަތު ދޭނީ އެ ރަށެއްގެ ރައްޔިތުންނަށް ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޝާހް ވިދާޅުވީ، މިވަގުތު 34 ރަށެއްގެ އަމަލީ މަސައްކަތް ކުރަމުންދާ އިރު އެ ރަށްރަށުގައި މަސައްކަތްތައް ހަވާލު ކޮށްފައި ވަނީ ސަބްކޮންޓްރެކްޓްގެ އުސޫލުން ދިވެހި ކުންފުނިތަކަށް ކަމަށެވެ. އެ ގޮތުން މިވަގުތު ޝާހް ހުންނެވީ ހއ. މުރައިދޫގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑަބްލިއުއެސްސީން ކުރިއަށް ގެންދާ މަޝްރޫއުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް އެރަށަށް ވަޑައިގެން ހުންނެވި އިރު މިވަގުތު މުރައިދޫގައި ވަޒީފާ ނެތް އެއްވެސް ފަރާތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިވަގުތު 34 ރަށެއްގެ އަމަލީ މަސައްކަތް ފެށިގެން ދަނީ ކުރެވެމުން. ހުރިހާ ރަށެއްގެ މަސައްކަތް ވެސް ކުރަމުން ދަނީ ސަބްކޮންޓްރެކްޓްގެ އުސޫލުން ދިވެހި ކުންފުނިތަކާ ހަވާލު ކޮށްގެން."
ހަސަން ޝާހު

މިހާރު މަސައްކަތް ކުރިއަށް ގެންދާ 34 ރަށުގެ ތެރޭގައި ސަރުކާރުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ 20 ޕްރޮޖެކްޓެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ފަހުން އޮފިޑް ޕްރޮގްރާމްގެ ދަށުން 4 ރަށެއް ހަވާލުކޮށްގެން އެ ރަށްރަށުގެ މަސައްކަތްވެސް ކުރިއަށް ދާ ކަމަށް ޝާހް ވިދާޅުވިއެވެ.

އެ ހަތަރު ރަށުގެ މަސައްކަތް ހަވާލު ކުރި އިރު އެ ކުންފުނިން ޖެހުނީ އެ ޕްރޮޖެކްޓްތަކުގެ ސާވޭ އާއި ޑިޒައިނިންގެ މަސައްކަތްތައް ކުރަން ކަމަށް ޝާހް ވިދާޅުވިއެވެ. ކުރިން ސަރުކާރުން ހަވާލުކުރި 20 ރަށުގެ ޕްރޮޖެކްޓް ހަވާލު ކުރިއިރު އެ ފަދަ މަސައްކަތްތައް ޕްލޭނިން މިނިސްޓްރީން ނިންމާފައި ހަވާލު ކުރި ކަމަށް ޝާހް ފާހަގަ ކުރެއްވިއެވެ.

އެ ވިހި ރަށުގެ މަސައްކަތްތަކަށް ބަލާ އިރު ފެނާއި ނަރުދަމާގެ މަސައްކަތް ކުރަން ހުރި ރަށްރަށުގެ މަސައްކަތްތައް 18 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ޝާހް ވިދާޅުވިއެވެ. ހަމައެކަނި ފެނުގެ މަސައްކަތް ނަމަ 12 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ޝާހް ވިދާޅުވިއެވެ.

މި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އެމްޑަބްލިއުއެސްސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް އެ ކުންފުނިން ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކަށް އެ ރަށެއްގެ ރައްޔިތުންނަށް ފުރުސަތު ދިނުމަކީ މި ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރަން ކުރާ މަސައްކަތުގެ ހެއްކެކެވެ.