ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައެއްގައި ކަމަށް ފުލުހުން ބުނެފިއެވެ.
ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ މިއަދު މެންދުރު 2:00 އަށެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުކުރީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައެއްގައި ތަހުގީގުގެ ސުވާލު ކުރުމަށް ކަމަށެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެމަނިކުފާނުގެ މައްޗަށް 5 އަހަަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
މިދިޔަ އެޕްރީލް މަހު 29 ވަނަ ދުވަހު ރައީސް ޔާމީން ގެއަށް ބަދަލު ކުރައްވާފައިވާއިރު ރައީސް ޔާމީން ވަގުތީ ގޮތުން ގެޔަށް ބަދަލުކޮށްފައި ވަނީ ކ. މާފުށީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ އާއި ގިނަ އަދަދެއްގެ ޖަލު އޮފިސަރުން ޕޮޒިޓިވް ވަމުން ދާތީ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ ބުނެފައެވެ.
ޔާމީންގެ މައްޗަށް އިތުރު މައްސަލައެއްގައި ވެސް ވަނީ މަނީ ލޯންޑްރިންގެ ދައުވާ އުފުލައި ކުރިމިނަލް ކޯޓުގައި ޝަރީއަތް ފަށާފައެވެ. އެއީ، ރިސޯޓް ހެދުމަށް ދޫކުރި މުއާމަލާތުން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދެއްވި ކަމުގެ ތުހުމަތު ކުރާ މައްސަލައެކެވެ.