އަވަށްޓެރި ސްރީލަންކާގެ ވެރިކަމުގެ ނިޒާމުގައި އެންމެ ނުފޫޒުގަދަ އާއިލާގެ ގޮތުގައި ސިފަ ކުރަމުން އަންނަ ރާޖަޕަކްސަ އާއިލާއިން، އަނެއްކާވެސް ސަރުކާރުގެ އިތުރު މަގާމެއް ކަށަވަރު ކޮށްފިއެވެ.

ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ ވަނީ، އޭނާގެ ކެބިނެޓްގެ މާލީ ވަޒީރު ކަމުގެ މަގާމަށް، ކޮއްކޯފުޅު ބާސިލް ރާޖަޕަކްސަ ހަމަޖައްސަވާފައެވެ.

ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ބާސިލް ވަނީ، ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ކަމުގެ ހުވާ ކުރައްވާ، މާލީ ވަޒީރު ކަމުގެ މަގާވާ ހަވާލުވެވަޑައިގެންފައެވެ. މީގެ ކުރިން އެ ޒިންމާ އަދާ ކުރައްވަމުން ގެންދެވީ، ބޮޑުވަޒީރު ކަމުގެ މަގާމުވެސް އަދާ ކުރައްވަމުން ގެންދަވާ މަހިންދަ ރާޖަޕަކްސައެވެ. ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައަކީ ގޮތަބާޔާ ރާޖަޕަކްސަގެ ބޭބޭފުޅެވެ.

ސްރީލަންކާގެ މާލީ ވަޒީރު ކަމުގެ މަގާމަށް ބާސިލް ރާޖަޕަކްސަ (މ) އައްޔަން ކުރެވުނީ ޖުލައި 8، 2021 ވަނަ ދުވަހު / ފޮޓޯ: ނިއުސް ފަސްޓް ލަންކާ

މަހިންދަ ރާޖަޕަކްސައާ އިތުރު ވުޒާރާއެއް ވަނީ ހަވާލު ކުރައްވާފައެވެ. އެއީ އިގުތިސޯދީ ސިޔާސަތުތަކާ ރޭވުންތައް ތަންފީޒު ކުރެއްވުމާ ބެހޭ ވަޒީރު ކަމުގެ މަގާމު ކަމަށް، ސްރީލަންކާގެ ރައީސްގެ މީޑިއާ ޑިވިޝަނުން ހަބަރު ދެއެވެ.

މާލީ ވަޒީރުކަމާއެކު ސްރީލަންކާގެ ޓްރެޝަރީ އަދި މަރުކަޒީ ބޭންކުގެ ކަންކަންވެސް ހިނގަމުން ދާނީ ބާސިލް ރާޖަޕަކްސަގެ ބެއްލެވުމުގެ ދަށުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި ބާސިލް ރާޖަޕަކްސައަކީ ޑުއަލް ސިޓިޒަންޝިޕް ނުވަތަ 2 ގައުމުގެ ރަށްވެހިކަން އޮންނަ ބޭފުޅެކެވެ. އެގޮތުން، އޭނާއަކީ ސްރީލަންކާގެ އިތުރުން އެމެރިކާގެ ރަށްވެހިކަންވެސް އޮންނަ ބޭފުޅެއް ކަމަށް ހަބަރު ލިބެއެވެ.

ސްރީލަންކާގެ ނުފޫޒުގަދަ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ރާޖަޕަކްސަ އާއިލާގެ އިތުރު މެންބަރުންނަށް ބަލާއިރު، ގޮތަބާޔާގެ އަޚު، ޝަމާލް ރާޖަޕަކްސަ އަދި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ނަމާލް ރާޖަޕަކްސަ ފާހަގަ ކުރެވެއެވެ. ނަމާލްއަކީ މަހިންދަ ރާޖަޕަކްސަގެ ދަރިކަލުންނެވެ.