ރާއްޖޭގައި ކޮވިޑް-19 ގެ ވެކްސިންގެ ދެވަނަ ޑޯޒު، ދެ ލައްކަ އަށްވުރެ ގިނަ މީހުން ޖަހައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން ހާމަ ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 317،762 މީހުންނެވެ. އޭގެތެރެއިން 206،245 މީހުން ވަނީ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

މިދިޔަ އަންގާރަ ދުވަހު ކޮވިޑް ވެކްސިން ޖުމްލަ 6674 މީހަކަށް ޖަހާފައި ވާއިރު، އޭގެ ތެރެއިން 213 މީހަކަށް ވަނީ ކޮވިޑް ވެކްސިންގެ އެއްވަނަ ޑޯޒް ޖަހާފައެވެ. އެއީ މާލެ ސަަހައްދުން 99 މިހަކާއި އަތޮޅުތެރެއިން 114 މީހެކެވެ.

އެ ދުވަހު ދެވަނަ ޑޯޒް ޖެހި މީހުންނަށް ބަލާއިރު ޖުމްލަ 6461 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 5051 މީހަކާއި އަތޮޅު ތެރެއިން 1410 މީހެކެވެ.

ވެކްސިން ޖެހި މީހުންގެ ތެރެއިން ދެވަނަ ޑޯޒް ޖަހާ މީހުން މިހާރު އިތުރުވެފައި މި ވަނީ ރާއްޖޭގައި އަނެއްކާވެސް ކޮވިޝީލްޑް ވެކްސިން ޖަހަން ފެށުމުންނެވެ.

އެ ގޮތުން މި ވެކްސިން ރާއްޖޭގައި އަނެއްކާ ޖަހަނަ ފަށާފައި މި ވަނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެންނެވެ.