ގެވެށި އަނިޔާއިން ރައްކާތެރިވުމަށް، ބަދަހި ގެވެށި ގުޅުމެއް އޮތުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވެފައިވަނީ ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މާހައުލެއް ބިނާކުރުމަށްޓަކާ މީހުން ހޭލުންތެރިކުރުމުގެ މަގްސަދުގައި ޔޫއެންއެޕްޕީއޭ އާ ގުޅިގެން ޖެންޑާ މިނިސްޓްރީން ތައްޔާރުކޮށް ސިލްސިލާކޮށް ގެނެސްދެމުންދިޔަ ގެވެށި ގުޅުން "ސާސްތްރަ" ޕްރޮގްރާމްގެ އެންމެ ފަހު އެޕިސޯޑުގައި ރޭ ދެއްވި ވީޑިއޯ މެސެޖުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފަޒްނާ ވަނީ މީޑިއާތަކުން ގެނެސްދޭ ބައެއް އިޝްތިހާރުތަކުން ގޭތެރޭގެ މައްސަލަތައް ފާހަގަ ވާގޮތަށް އިޝްތިހާރު ގެނެސްދިނުމުގެ ބަދަލުގައި ގޭތެރޭގައި މީހުން މުއާމަލާތްކުރާ ރަނގަޅުގޮތްތަކާ، ރަނގަޅު އާދަތައް އިޝްތިހާރުތަކުން ވެސް ދައްކާ އެއް މެސެޖެއް މުޖުތަމައަށް ފޯރުކޮށްދިނުމުގެ މުހިންމު ކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ފަޒްނާ ވިދާޅުވީ އުޅެމުން އަންނަ އަވަދިނެތިކަމުގެ ތެރެއިން އާއިލާއަށް ވަގުތުކޮޅެއް ދިނުން މުހިންމު ކަމަށާ، އަދި އެފަދަ ވަގުތުތަކުގައި ފޯނާއި ދުރުވެ، އެކުވެރިކަމާއި އެކު ގޭތެރޭގެ ކަންކަން އިންތިޒާމްކޮށް އަމަލުތައް ހެޔޮގޮތުގައި ބަހައްޓާނަމަ މުޖުތަމައު ތެރޭގައި އުޅޭއިރު ވެސް އެ ރީތި އާދަތައް އެ ގޮތަށް ހުރުން ގާތް ކަމަށެވެ.

އޭގެ އިތުރުން ވެސް ފަޒްނާ ވަނީ ގޭތެރޭގައި އެކަކު އަނެކަކާ މުއާމަލާތް ކުރާއިރު، ލޯތްބާއި އިހްތިރާމާއެކީ މައިންބަފައިން ވާހަކަ ދެއްކުމަށް ބާރު އަޅުއްވާފައެވެ. އެކަމުން ދަރިންނަށް ރައްކާތެރިކަމާ އަމާންކަން އިހުސާސްވޭނެކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

ހަމަ އެއާއެކު ކުދިންގެ ނުވަތަ ބޮޑެތިމީހުންގެ ވެސް އަމަލެއް ބަދަލުކުރުމަށް މަސައްކަތްކުރާއިރު ފައްސި ބަސް ބޭނުންކުރުމަށް ސަމާލުކަންދިނުމަށް ބާރުއެޅުއްވިއެވެ. އެކަމުގެ ސަބަބުން އެ އަމަލު ބަދަލުކުރަން ފަސޭހަވާނެކަމަށް ވެސް ފަޒްނާ ވިދާޅުވިއެވެ.

ސާސްތުރަ ޕްރޮޤްރާމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވިދާޅުވީ އެ ސިލްސިލާތަކުން އެކަމަނާއަށް ފާހަގަވި އެއްކަމަކީ ގެވެށި އަނިޔާއިން ރައްކާތެރިވުމަށްޓަކާ، ބަދަހި ގެވެށި ގުޅުމެއް އޮތުން މުހިންމު ކަމަށެވެ. އެހެންކަމުން ބަދަހި ގެވެށި ގުޅުމެއް ބިނާކުރުމަށްޓަކާ، ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ހުނަރު އަންހެނުންނަށާ ފިރިހެނުންނަށް އެނގުން މުހިންމުކަމަށް ފަޒްނާ ވިދާޅުވިއެވެ.

ފަޒްނާގެ މެސެޖުގައި އެންމެ ފަހު ނުކުތާއެއްގެ ގޮތުން ފާހަގަ ކުރައްވާފާވަނީ ގެވެށި އަނިޔާގެ ޝިކާރައަކަށް ވާ މީހުންނަށް އެކަމުން އަރައިގަނެވޭނެ ގޮތްތަކެއް ހޯދައިދިނުމުގެ މައްޗަށެވެ. އެގޮތުން އެކަމަނާ ވަނީ މިނިސްޓްރީގެ ހޮޓްލައިނަށް ގުޅުމުން އެކަމުން އަރައިގަތުމަށްޓަކާ ބޭނުންވާ މައުލޫމާތު ލިބޭނެ މަގުފަހިކޮށްދިނުން މުހިންމުކަމަށް ފާހަގަކުރައްވާފައެވެ.

އެހެންނަމަވެސް އެ ހުރިހާ ކަމަކީ މިނިސްޓްރީއިން އެކަނި ކުރެވޭނެކަމެއް ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށާ ރަށު ކައުންސިލްތަކާއި، ޖަމިއްޔާ ޖަމާއަތްތަކުން ވެސް އެފަދަ މައުލޫމާތު ފޯރުކޮށްދީ އެހީތެރިވުން މުހިންމު ކަމުގައި އެކަމަނާ ދެކިވަޑައިގަންނަވާ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސް އޮފީހުން ބުނީ ސާސްތްރަ ޕްރޮގްރާމަކީ ގެވެށި ގުޅުން ގައުމީ ކެމްޕެއިންގެ ދަށުން ރާއްޖޭގައި ވަރަށް ބޮޑު މައްސަލައަކަށް ވެފައިވާ ގެވެށި އަނިޔާ 'ޑޮމެސްޓިކް ވައިލެންސް' އާއި ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށާ، ގެވެށި އަނިޔާ ރިޕޯޓުކޮށް އެކަމަށް ބާރުވެރިކުރުވުމަށް ގެނެސްދެމުން ދާ ސިލްސިލާ ޕްރޮގްރާމެއް ކަމަށެވެ.