ރަހީނުކޮށްގެން އަނިޔާކޮށް މަރާލި 13 އަހަރު ކުއްޖާގެ މައްސަލައިގައި ހައްޔަރު ކުރި 17 އަހަރުގެ ކުއްޖާގެ ބަންދަށް 13 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
މި މައްސަލަގައި ތުހުމަތު ކުރެވޭ ކަމަށް ދެ މީހަކު ހައްޔަރުކޮށްފައި ވާއިރު، އޭގެތެރެއިން 17 އަހަރުގެ ކުއްޖަކު ހިމެނެއެވެ. އޭނާގެ ބަންދަށް އެންމެ ފަހުން ދުވަސް ޖަހާފައިވަނީ މިދިޔަ މަހު 22 ގައެވެ. ބަންދުގެ މުއްދަތު މިއަދު ހަމަވެފައި ވާއިރު ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން 13 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ޖަހާފައެވެ.
17 އަހަރުގެ ފިރިހެން ކުއްޖާގެ ބަންދަށް މުއްދަތު ޖަހާފައިވާ އިރު ދެން މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 27 އަހަރުގެ ފިރިހެނެކެއެވެ. އެމިހާ ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.
13 އަހަރުގެ ކުއްޖަކު ރަހީނު ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖޫން 20 ވަނަ ދުވަހުގައެވެ. އެ ކުއްޖާ ހޯދަމުން ދަނިކޮށް މަރާލާފައި އޮއްވާ ފެނިފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 2:38 ގައެވެ. ފެނުނު އިރު އެ ކުއްޖާ އޮތީ ފޮށިގަނޑަކަށް ލާ ހުޅުމާލެ ފޭސް 2 އާ ދިމާ މޫދަށް އެއްލާލާފައެވެ. މި ކުއްޖާ މަރާލުމުގައި ކުއްޖާއަށް ގިނަ އަނިޔާތަކެއް ދީފައި ވާއިރު ނޭވާ ހާސްކޮށްލަން ކަރުގައި އެއްޗެއް އޮޅާފައި ވާކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލައާ ގުޅިގެން ކުއްޖާގެ ބައްޕަ ވަނީ ކުއްޖާ ބަލަން ހަވާލުވެ ހުރި ކުއްޖާގެ މަންމައަށް ތުހުމަތުތަކެއް ކޮށްފައެވެ. ކައިވެނި ރޫޅި ދެކުނުގެ ރަށެއްގައި ދިރިއުޅެމުން އަންނަ ކުއްޖާގެ ބައްޕަ ބުނީ، 13 އަހަރުގެ ކުއްޖާ ދިރިއުޅެނީ މާލޭގައި އިންނަ އޭނާގެ މަންމަ ކައިރީގައި ކަމަށެވެ. އެ ކުއްޖާ އެކަނި ބޭރަށް ގޮސް ހަދާކަން އެނގިފައިވާ ކަމަށާއި އެކަމަކީ ބެލެނިވެރިއާ ހުއްޓުވަން ޖެހޭ ކަމެއް ކަމަށް ކުއްޖާގެ ބައްޕަ ބުނެފައި ވެއެވެ. އަދި އެ ވަރުގެ ކުއްޖެއް އެކަނި ބޭރަށް ދިއުމަކީ ކުއްޖާ ބެލުމުގައި އިހުމާލު ވެފައިވާ ކަން ހާމަވާ ކަމެއް ކަމަށް އެ ކުއްޖާގެ ބައްޕަ ބުނެއެވެ.
ފުލުހުން ދަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ. ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވާފައިވާއިރު މަރާލި ކުއްޖާގެ ހަށިގަނޑު ހުޅުމާލެއަށް ގެންދިޔަ ކާރު ވެސް ވަނީ ބަލައި ފާސްކޮށްފައެވެ. އެ ކާރަކީ ޓެކްސީއެކެވެ. އަދި ޓެކްސީ ދުއްވި މީހާ މި އަމަލު ހިންގުމުގައި ޝާމިލުވެފައިވާ ކަން ކަށަވަރު ވެފައެއް ނުވެއެވެ.