ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ރާއްޖެ އިން ބޭރުގައި ހުންނަވައިގެން ޝަރީއަތުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ދިން މައްސަލާގެ އިސްތިއުނާފު ޝަރީއަތް މިއަދު ފަށަން ހަމަޖެއްސުމަށް ފަހު ކެންސަލް ކޮށްފިއެވެ.
ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް، ބޭސްފަރުވާ އަށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ފަހު މިހާތަނަށް އެނބުރި ވަޑައެއް ނުގަންނަވައެވެ. ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްފައި ވަނީ 4 މަސް ދުވަހަށެވެ. ނަމަވެސް އޭނާ ރާއްޖެ އިން ބޭރުގައި ހުންނަވައިގެން އޮންލައިިން ކޮށް ޝަރީއަތުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ކްރިމިނަލް ކޯޓުން ވަނީ ދީފައެވެ. ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ޝަރީއަތް ނުކުރެވޭނެ ކަމަށް ބުނެ ދައުލަތުން އޮތީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އަދި ބޭސްފަރުވާއަށް ކްރިމިނަލް ކޯޓުން ދިން މުއްދަތު ހަމަވެ އިއްޔެ ވަނީ އަލީ ވަހީދުގެ އަޑުއެހުމެއް މިއަދަށް ތާވަލު ކޮށްފައެވެ.
އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައި ވަނީ، އޭނާ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން އެތަނުގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތަކެއް ކުރުމާ ގުޅިގެންނެވެ.
ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ރާއްޖޭގައި ބޭއްވި މިއީ ފުރަތަމަ ފަހަރެވެ. މިއީ ކްރިމިނަލް ކޯޓުން އަމަލުކުރާ އާންމު އުސޫލެއް ވެސް ނޫނެވެެ. އަދި މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ކަމެއް ވެސް ނޫނެވެ.
މި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.