މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހަރާ ކޮށްލަން ދިން ހަމަލާ އާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވާން ނަޝީދު ދެކޮޅު ހައްދަވައިފިއެވެ.

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކްލަބް ހައުސްގައި މިރޭ ބޭއްވި، "އާސްކް ސްޕީކާ" ޕްރޮގްރާމްގައި މީހަކު ވަނީ ޑިފެންސް މިނިސްޓަރު އަދި ކޮމިޝަނާ އޮފް ޕޮލިސް އަށް އެމަނިކުފާނުގެ އިތުބާރު އޮތްތޯ ސުވާލު ކޮށްފައެވެ.

އެ ސުވާލުގެ ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ޑިފެންސް މިނިސްޓަރާ ގުޅިގެން އެއްޗެއް ދަންނަވަން ނެތް ކަމަށާއި އަދި ކޮމިޝަނާ އޮފް ޕޮލިސް އާ ގުޅިގެން އެއްޗެއް ދެންނެވޭނީ ތަހުގީގު ނިމި، ތަހުގީގު ރިޕޯޓް ހުށަހެޅުމުން ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ އާ ގުޅިގެން މާރިޔާ އަށް ވަނީ ގިނަ ފާޑުކިޔުންތައް އަމާޒުވެފައެވެ. މާރިޔާގެ އިސްތިއުފާއަށް ބައެއް މީހުން ގޮވާލިއިރު، ރައީސް ނަޝީދު އަވަހާރަ ކޮށްލަން އުޅޭ ކަމުގެ މައުލޫމާތު ޑިފެންސް މިނިސްޓްރަށް ދެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ ވިދާޅުވެފައެވެ.

ލަބީބު އެހެން ވިދާޅުވެފައި ވާއިރު މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވެސް ވަނީ އެފަދަ ހަމަލާއެއް ނަޝީދަށް ދީފާނެ ކަމުގެ އެލާޓް ލިބިވަޑައިގެން ކަމާ ބެހޭ ފަރާތްތަކަށް އެކަން އަންގެވި ކަމަށް "ދަ ޕްރެސް" އަށް ވިދާޅުވެފައެވެ.

އެހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލިމަންޓްރީ އިންކުއަރީއަށް މާރިޔާ ހާޒިރުކޮށް ވަނީ ސުވާލުވެސް ކޮށްފައެވެ.