ސްރިލަންކާގެ މައުންޓް ލެވެނިއާ ސަރަހައްދުގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ލައްވާ ހަށި ވިއްކުމުގެ މައްސަލައެއްގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

މިކުއްޖާ ޖިންސީ ބޭނުމަށް އެކި މީހުންނާ ހަވާލުކޮށް ކުއްޖާގެ ކިބައިން ނާޖާއިޒު ފައިދާ ނަގަމުން އަންނައިރު މި އަމަލު ހިންގާތާ 3 މަސްވެފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލާގައި މިހާތަނަށް 32 މީހަކު ހައްޔަރުކޮށްފައިވާއިރު އެންމެ ފަހުން ހައްޔަރުކުރި 4 މީހުންގެ ތެރޭގައި ދިވެއްސެއްވެސް ހިމެނޭކަމަށް ލަންކާ ފުލުހުން މައުލޫމާތު ދެއެވެ. އަދި އެންމެ ފަހުން ހައްޔަރު ކުރި 4 މީހުންނަކީ ކުއްޖާ އިސްތިހާރުކޮށް ވިއްކުމަށް ވެބްސައިޓް ހަދައި ހިންގި މީހާއާއި ހޮޓަލެއްގެ 3 މެނޭޖަރުން ކަމަށް ލަންކާގެ ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލާގައި ހައްޔަރުކުރި ދިވެހި މީހާއަށް ކުރަނީ ކޮން ތުހުމަތެއްކަމެއް ލަންކާ ފުލުހުން އަދި ސާފުކޮށްދީފައެއް ނުވެއެވެ.

މި މައްސަލާގައި މީގެ ކުރިން އެ ކުއްޖާގެ މަންމަ އާއި ބޯޓެއްގެ ކެޕްޓަނެއްގެ އިތުރުން ކުރޮޅި ޑްރައިވަރެއްގެ އިތުރުން ކާރު ޑްރައިވަރެއްވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި މި މައްސަލާގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ކުއްޖާގެ މަންމަ ހިމެނޭ ކަމަށްވެސް ލަންކާ ފުލުހުން ބުނެއެވެ.

މި މައްސަލައިގެ ތަހުގީގުން މިހާތަނަށް އެނގިފައިވާ ގޮތުގައި ކުޑަކުއްޖާގެ ބޭނުން ނަހަމަގޮތުގައި ހިފުމަށް ބޭނުންކޮށްފައިވަނީ އޮންލައިން ވެބްސައިޓަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް
ލަންކާ ފުލުހުން

ލަންކާ ފުލުހުން ބުނީ މި މައްސަލާގައި ތުހުމަތު ކުރެވޭ އިތުރު 12 މީހަކު ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.