ރައީސް ނަޝީދު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމުގެ ހުވަފެން ދޫކޮށްލެއްވުމަށާ ދުވަހަކުވެސް އެކަން ނުވާނެ ކަމަށް ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

އިޔާޒް މިފަދައިން ވިދާލުވެފައި ވަނީ ރައީސް ނަޝީދުގެ ނުރަސްމީ ޓްވިޓާ އެކައުންޓު "އެލެކްސް އަހުމަދު" އިން ކުރި ޓްވީޓަކާ ގުޅުވައިގެންނެވެ.

ނަޝީދުގެ ނުރަސްމީ އެކައުންޓުން ކޮށްފައިވާ ޓްވީޓުގައި ވަނީ "އިންޑިއާއައުޓް" އަދި އެފްޖީއެމް އަށް ސަޕޯޓް ކުރުމާއި ނަފްރަތުގެ ބިލާ އިދިކޮޅު ހަދާ މީހުންގެ 92 ޕަސެންޓު މީހުންނަކީ އެއްބައެއް ކަމަށް ސޯޝަލް މީޑީއާގެ ސާވޭއަކުން ސާފުވާ ކަމަށެވެ. އަދި އެފަދަ މީހުންގެ ތާއީދު ހޯދައިގެން ކުރަން ބޭނުންވާ ސިޔާސީ މަސައްކަތެއް ނެތް ކަމަށްވެސް ނަޝީދު "އެލެކްސް އަހުމަދު" ބުނެއެވެ.

އެލެކްސް އެހެން ބުނެފައި ވާއިރު، އިންޑިއާއައުޓަކީ ސޯޝަލްމީޑިއާގައި ޓްރެންޑެކެވެ. އެފްޖީއެމް ނުވަތަ އަންހެން ކުދިން ހިތާނު ކުރުމަށް ތާއީދު ކުރާ ނިސްބަތަކީ ދަށް އަދަދެކެވެ. ނަމަވެސް ނަފްރަތުގެ ބިލާ ދެކޮޅަށް އެކި ރަށްރަށުގެ ބައެއް ރައްޔިތުންނާއި 101 އިލްމުވެރިން ވަނީ ދެކޮޅު ހަދާފައެވެ. އަދި 120 ކައުންސިލަކާއި، 582 ކައުންސިލރުންނާއި 106 މަދަނީ ޖަމްއިއްޔާއިން ވަނީ ދެކޮޅުހަދާކަން ހާމަ ކޮށްފައެވެ.

ޑރ. އިޔާޒް ވަނީ އިއްޔެގެ ވަގުތެއްގައި އެމްއެންޔޫގެ އެސިސްޓަންޓް ޕްރޮފެސަރުކަމުގެ މަގާމުން ވަކިކޮށްފައެވެ. އިޔާޒް ވަޒީފާއިން ވަކިކޮށްފައި ވަނީ ޓްވިޓާގައި ކުރެއްވި ޓްވީޓުތަކަކާ ގުޅިގެންނެވެ. މީގެ ކުރިންވެސް ވަނީ އޭނާ ކުރެއްވ ޓްވީޓު ތަކަކާ ގުޅިގެން ސަސްޕެންޑްކޮށް އެމްއެންޔޫއިން ނަސޭހަތްދީފައެވެ.