ޗައިނާ އެމްބަސީ ކުރިމަތީ މުޒާހަރާ ކުރާނެ ކަމަށާއި އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރުތަކަކާ ގުޅިގެން އެދެ މުއައްސަސާ ކައިރީ ސަލާމަތީ ބާރުތަކުން ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ވާކަމަށް ސަރުކާރުން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ދޭދޭ ގައުމުތަކާ މެދު އޮންނަ ގުޅުންތަކާބެހޭ ހަގީގަތެއް ނެތް ވާހަކަތަކާ ރާއްޖޭގައި ހުންނަ ބައެއް ޑިޕްލޮމަޓިކް މިޝަންތަކާ އެ މިޝަންތަކުގައި މަސައްކަތް ކުރާ ޑިޕްލޮމަޓުންނާ ގުޅޭގޮތުން ދިޔަރެސް ނޫހުން ޓުވީޓުތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އެ ޓުވީޓުތަކުގެ ސަބަބުން ޗައިނާ އެމްބަސީ ކުރިމަތީ މުޒާހަރާ ކުރާނެ ކަމަށާ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު ތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ކަމަށާ، އެ އިންޒާރުތަކުގެ ސަބަބުން އެ ދެ ކޮމިޝަނުން އިމާރާތުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ.
ފޮރިން މިނިސްޓްރީ އިން ބުނެފައި ވަނީ މިފަދަ ހަބަރުތައް ފެތުރުމަކީ ދޭދޭ ގައުމުތަކުގައި އޮންނަ ޒަމާންވީ ގުޅުން ތަކަށް ބުރޫއަރާނެ ކަމެއް ކަމަށާ އަދި ދިވެހިންގެ ހިތްތަކުގައި އެ ގައުމުތަކާ މެދު ނަފްރަތުކަން އުފެދުމަށް މަގުފަހިވާނެ ކަމަށެވެ.
އޭގެ އިތުރުން ދިވެހި ރައްޔިތުންނަށްވެސް އޭގެ ސަބަބުން ނޭދެވޭ އަސަރު ކުރުން އެކަށީގެންވާ ކަމަށާ އަދި ބޭރު ދުނިޔޭގެ ކުރިމަތީގައިވެސް ރާއްޖޭގެ ތަސައްވަރު ކިލަނބުވެ، ދިވެހިރާއްޖެއަށް ލިބެން ހުރި ވިޔަފާރިއާ ފަތުރުވެރިކަމުގެ ފުރުސަތުތަކަށްވެސް ނޭދެވޭ އަސަރު ކުރާނެކަމަށް ވެސް މިނިސްޓްރީ އިން ބުނެއެވެ.
ގައުމުތަކުގެ މެދުގައި ޑިޕްލޮމަޓުން ބަދަލުކުރުމާ އެމީހުންނަށް ލިބެންޖެހޭ ހިމާޔަތާ ރައްކާތެރިކަން އަދި ހާއްސް އިމްތިޔާޒުތަކާ ގުޅޭ ހާއްސަ އުސޫލުތަކެއް "ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމަޓިކް ރިލޭޝަންސް 1961" ގައި ކަނޑައަޅާފައި ވާއިރު، އެ ތަންތަނަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށް ދިނުމަކީ ދިވެހި ދައުލަތުގެ ޒިންމާއެއް ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެއެވެ.
މީގެ ކުރިންވެސް މިނިސްޓްރީ އިން ވަނީ ދޭދޭ ގައުމުތަކުގައި އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރު ނުކުރާނެހެން ރާއްޖޭގެ މީޑީއާތަކުން މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް އެދި ބަޔާނެއް ނެރެފައެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ބަޔާނެއް ނެރިފައި ވަނީ، ރާއްޖޭގެ ބައެއް މީޑިއާތަކުން އިންޑިއާ ހައިކޮމީޝަނާއި އެތާނގެ ޑިޕްލޮމެޓުންގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ހަބަރު ފަތުރާ ރުޅިވެރިކަން އުފައްދާ ކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާތަކަށް ފިޔަވަޅު އަޅަން ހައިކޮމިޝަނުން ގޮވާލާފައި ވަނި ކޮށެވެ.