އަންނަ އާދީއްތަ ދުވަހުން ފެށިގެން، ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ކުރާއިރު އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވާފިއެވެ.

ކޮވިޑް 19 ކޮންޓްރޯލް ކުރުމަށްޓަކައި ކޮވިޑް-19 ޖެހިފައިވާ މީހުން ތިބިކަމަށް އެޗްޕީއޭއިން ހާމަކުރާ ރަށްރަށުގައި ހުރި ސަރުކާރުގެ އިދާރާތަކުން ހިދުމަތް ދިނުމުގައާ، މުވައްޒަފުން މަސައްކަތަށް ނެރުމުގައި މިއަދު ހަމަޖެއްސި އުސޫލަކީ، މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރާ ގޮތަށް ހަމަޖެއްސުމާ، މިނިސްޓަރު ނުވަތަ އިދާރާގެ އިސްވެރިޔާ ކަނޑައަޅުއްވާ ގޮތެއްގެ މަތިން، އެއްފަހަރާ ވީހައިވެސް މަދު މުވައްޒަފުން އޮފީހަށް ނެރެގެން މަސައްކަތްކުރެވޭނެ ގޮތަށް މަސައްކަތްތައް ރޭވުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އޭގެ އިތުރުން މުވައްޒަފުން ޓީމުތަކަކަށް ބަހާލައިގެން މަސައްކަތު ހަފުތާގެ އެކި ދުވަހު އެކި ޓީމުތައް މަސައްކަތަށް ނެރެގެން މަސައްކަތް ކުރުވެން ހުރި އިދާރާތަކުން އެގޮތަށް މަސައްކަތްކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާ، އިދާރާއިން ދޭ ހިދުމަތްތަކުގެ ބާވަތަށާ، ދޭ ހިދުމަތްތަކުގެ މިންވަރަށާއި، ހިދުމަތް ދިނުމަށް ލިބިފައިވާ ވަސީލަތްތަކަށާ، މުވައްޒަފުންގެ އަދަދަށް ބަލާ، އިދާރާއިން ދޭ ހިދުމަތްތައް މަސައްކަތު ހަފުތާގެ އެކި ދުވަސްތަކަށް ބަހާލާ، އެކި ދުވަސްތަކުގައި އެކި ހިދުމަތް ދޭ ގޮތަށް ހަމަޖެއްސުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ސަރުކާރުގެ ހުރިހާ އިދާރާއަކުން އަމަލުކުރަން މިއަދު ހަމަޖެއްސި މިންގަނޑުތަކުގެ ތެރޭގައި ހިމެނެނީ، ރަސްމީ މަސައްކަތު ގަޑީގެ ތެރޭގައި މަސައްކަތް ނިންމުމަށް މުވައްޒަފުންނަށް ބާރުއެޅުމާއެކު، ނުރަސްމީގަޑީގައި މުވައްޒަފުން މަސައްކަތްކުރަން ނުޖެހޭގޮތަށް އޮފީހުގެ މަސައްކަތްތައް ރޭވުން ހިމެނެއެވެ.

އަދި ދަންފަޅި އުސޫލުން މަސައްކަތް ކުރާ އިދާރާތައް ފިޔަވާ، ސަރުކާރުގެ އެހެން އިދާރާތައް، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މެނުވީ މެންދުރުފަހު 2:00 ގެ ފަހުން ހުޅުވައިގެން މަސައްކަތް ނުކުރުމާ، ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދޭން ފެށި ހިދުމަތްތައް އެ ގޮތުގެ މަތިން ދެމުން ގެންދިއުމަށް ވަނީ އަންގާފައެވެ.

އޮންލައިންކޮށް ދެވެންހުރި އިތުރު ހިދުމަތްތަކަކީ ކޮބައިތޯ ބަލާ، އެ ހިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން ގެންދިއުމާއި، ސަރުކާރުގެ އޮފީހަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކާ، ނުރަސްމީ ގަޑީގައި އިދާރާ ހުޅުވާފަ ބަހައްޓަންޖެހޭ ހާލަތްތަކުގައި ވެސް، އެންމެ ލަސްވެގެން ހަވީރު 4:00 ގެ ފަހުން އިދާރާ ހުޅުވައިފަ ނުބެހެއްޓުމަށް އަންގާފަވެއެވެ.

އޭގެ އިތުރުން، ސަރުކާރުގެ އިދާރާތައް ހިންގުމުގާ އިދާރާތަކުގައި މަސައްކަތްކުރުމުގައި ސިއްހީ ރައްކައުތެރިކަމުގެ ގޮތުންނާ، މަސައްކަތު މާހައުލުގެ ސާފުތާހިރުކަމުގެ ގޮތުންނާއި، އިޖުތިމާއީ ގައިދުރުކަމުގެ ގޮތުން އަޅަންޖެހޭ ކަމަށް އެޗްޕީއޭގެ ލަފައާއި މަޝްވަރާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފިޔަވަޅުތައް ސަރުކާރުގެ އިދާރާތަކުން ތަންފީޒުކުރުމަށް ވެސް ވަނީ އަންގާފައެވެ.

އަދި އޮފީހުން ކުރާ ކަރުދާހުގެ ހަރަދާއި، ޕްރިންޓްކުރުމުގެ ހަރަދު ކުޑަކުރެވޭނެ ގޮތްތައް ހޯދާ އެގޮތަށް މަސައްކަތްކުރެވޭނެ އުސޫލުތައް ހަދާ، އެ އުސޫލުތައް ތަންފީޒުކުރުމަށާ، ލިޔެކިއުންތައް ވީވަރަކުން ޑިޖިޓަލައިޒް ކޮށްގެން މަސައްކަތުގެ މާހައުލެއް އޮފީހުގައި ގާއިމުކުރުމަށް މަސައްކަތްކުރުމަށް ވެސް އަންގާފައިވެއެވެ.

ކޮވިޑް 19 އާ ގުޅިގެން، ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން، ރާއްޖޭގެ އިގްތިސާދަށާ، ދައުލަތުގެ ބަޖެޓަށް އެކަމުގެ ނޭދެވޭ އަސަރު ފޯރަން ފަށައިފައިވާތީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، ހަރަދު ކުޑަކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ވެސް ސަރުކާރުގެ އިދާރާތަކަށް ވަނީ އަންގަވާފައެވެ.

ސަރުކާރުން މިއެގޮތަށް ހަމަޖެއްސެވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުން ކަމަށްވާތީ، މުވައްޒަފުން ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށާ، އެޗްޕީއޭއިނން އަންގާ އެންގުންތަކަށް އެންމެހާ މުވައްޒަފުން ބޯލަނބާ ކިޔަމަންގަތުމަށާ، ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ސަމާލުކަން ދިނުމަށް ސަރުކާރުގެ އިދާރާތަކަށް އަންގާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.