އަހުމަދު ރިޟްވާން އަބްދުﷲ ވީނުވީއެއް ނޭނގޭ ގޮތަށް ގެއްލުވާލާފައިވާ މައްސަލާގައި ރިޔާސީ ކޮމިޝަނުން ތައްޔާރު ކޮށްފައިވާ ރީއެނެކްޓްމެންޓް ވީޑިއޯއެއް ހިއްސާކޮށްފިއެވެ.

މި ވީޑިއޯ ތައްޔާރު ކޮށްފައި ވަނީ ތަހުގީގަށް ލިބިފައިވާ މައުލޫމާތަކުގެ މައްޗަށް ބިނާކޮށެވެ.

އޯގަސްޓް 7، 2014 ވީ ބުރާސްފަތިދުވަހުގެ ރޭ 10:00 އިން ފެށިގެން ރިޟްވާނަށް ބަޔަކު އައީ ފާރަލަމުން ކަމަށާ އެރޭ އޮތް ބައިބަލާ މެޗް ބަލަން ހެންވޭރު ދަނޑު މިހާރުއޮތް ތަނަށް ރިޟްވާން އޭނާގެ ރައްޓެހިންނާއެކު ގޮސްފައިވާ ކަމަށް ކޮމިޝަނުން ބުނެއެވެ.

https://fb.watch/6t9ronbELX/

އަދި މެޗުބަލާ ނިމުމަށް ފަހު ޗައިނާ އެމްބަސީ ކައިރީގައި ޕާކުކޮށްފައި ހުރި އޭނާގެ ސައިކަލަށް އަރައިގެން ހުޅުމާލެއަށް ދިއުމަށްޓަކައި ހުޅުމާލެ ފެރީ ޓާމިނަލަށް ވަންނަ މަންޒަރު ޓާމިނަލްގެ ސީސީޓީވީ ކެމެރާއަށް ވަނީ އަރާފައެވެ.

ގަޑިން ރޭގަނޑު 1:45: ރިޝްވާން އަށް އޭނާ ދިރިއުޅޭ ފްލެޓާ ހަމައަށް ދެވުނުކަމަށް ބުނާ ގަޑި

އެރޭގެ 1 ޖަހާއިރު ހުޅުމާލެއަށްދާން ފުރި ފެރީއަށް ރިޟްވާން އަރާފައި ވާއިރު އޭނާއަށް ހުޅުމާލެއަށް ދެވިފައި ވަނީ އެރޭ ދަންވަރު 01:30 ހާއިރު ކަމަށް ރިޔާސީ ކޮމިޝަނުން ބުނެއެވެ. އަދި ރިޟްވާން ހުޅުމާލެއަށް ފައިބާ އޭނާ ދިރިއުޅޭ 21 ވަނަ ނަންބަރު ފްލެޓް ކައިރިއަށް ގޮސްފައި ވަނީ ފައިމަގުގައި ކަމަށާ، އޭނާއަށް ފްލެޓް ކައިރިއަށް ދެވޭނެ ވަގުތުކަމަށް ކޮމިޝަނުން ލަފާކޮށްފައި ވަނީ އެރޭގެ 01:45 ހާއިރަށެވެ.

އެވަގުތު އޭނާ ދިރިއުޅޭ ގެ ކައިރީގައި ރަތް ކުލައިގެ ކާރެއް މަޑުކޮށްފައި އޮތް ކަން ކޮމިޝަނުން ހާމަކުރެއެވެ. އަދި ކާރާ އަރާ ހަމަވުމުން ގަދަކަމުން އެ ކާރަށް ރިޟްވާން އަރުވައިގެން ގެންދިއުމުގެ ތެރޭގައި އެތަނަށް ވަޅިއެއް ވެއްޓިފައި ވާކަމަށް ރިޔާސީ ކޮމިޝަނުން މައުލޫމާތު ދެއެވެ.

ގަދަކަމުން ރިޟްވާން ކާރަށް އަރުވަނިކޮށް ވަޅި ވެއްޓިފައި

އެ ވަޅިއާ ބެހޭ މައުލޫމާތު ހޯދުމަށް ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށާ ރިޟްވާންގެ މައްސަލައާ ގުޅިގެން ޝަރީއަތަށް ސާބިތު ކުރެވޭވަރުގެ މައުލޫމާތު ފޯރުކޮށްދެވޭ ފަރާތަކަށް 5 ލައްކަ ރުފިޔާ ދިނުމަށް ވެސް ހުށައަޅާފައި ވާކަމަށް ކޮމިޝަނުން މައުލޫމާތު ދެއެވެ.

ރިޟްވާން ގަދަކަމުން ކާރަށް އަރުވައިގެން ގެންދިޔަ ހާދިސާއާގުޅޭ މައުލޫމާތު އެނގޭނެ ބައެއް ފަރާތްތައް އަދިވެސް އާންމުންގެ ތެރޭގައި ތިބެދާނެކަމަށް ގަބޫލުކުރާކަމަށް ކޮމިޝަނުން ބުނެއެވެ. އަދި ރިޟްވާންގެ މައްސަައާ ގުޅިގެން މައުލޫމާތު އެނގޭ ފަރާތެއް ވާނަމަ އެ މައުލޫމާތު ހިއްސާ ކުރުމަށް ވެސް ކޮމިޝަނުން ވަނީ އެދިފައެވެ.