މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲ އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ތާޥަލް ކޮށްފައި ވާ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ، ޕީޖީ އޮފީހުން ބުނި ގޮތުގައި، މިއަދު 8:30 އަށް ތާވަލުކުރި މި މައްސަލައިގެ އަޑުއެހުން ކޯޓުން ކެންސަލް ކުރީ، އަލަށް އަމަލުކުރަން ފަށާފައިވާ ހެއްކާ ބެހޭ ގާނޫނާ އެއްގޮތަށް މާއްދީ ހެކި ވަކިން ކެޓަގަރައިޒް ކޮށްފައި ކޯޓަށް ހުށަހެޅުމަށް ދައުލަތަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

މި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ކުރިއަށްގެންދަނީ ސިއްރުކޮށްގެންނެވެ. ދައުލަތާއި ދިފާއުން ވެސް އެދިގެން އަޑުއެހުންތައް ސިއްރު ކުރީ، މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާތީ އާއި ޝަރީއަތުގައި ދައްކާ ވާހަކަތައް ހާމަވާ އިރު މައްސަލައިގައި ހިމެނޭ އެކި މީހުންނަށް ގެއްލުން ވެދާނެތީއެވެ.

އެ މައްސަލައިގައި މިދިޔަ ޖޫން 26 ގައި ހައްޔަރުކޮށް، މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ:

  • އިސްމާއީލް އަބްދުއްރަހީމް (އިސޫ) / މ. ލެގޫންވިއު (30އ)
  • އަހްމަދު އިސްމާއީލް (އަހަނދު) / މއ. ފާގަފިލާ (39އ)
  • އަހްމަދު މުއާޒް (ގަޓު މުއާ) / ދަފްތަރު އާރުއެސް 8499 (40އ)

އިސޫގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ ގާނޫނު ނަންބަރު: 10/90 (ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި، (ށ) އާއި 3 ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން, ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ކުރަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި މ. ޝައިނިންސްޓާ އަހްމަދު ރިޟުވާން އަބްދުﷲ ރަހީނުކޮށް މަރާލުމަށްޓަކައި 2014 ވަނަ އަހަރުގެ ތެރޭގައި އިސޫ ރިޟުވާނަށް ފާރަލައި، އޭނާ ރަހީނުކޮށް، މަރާލުމުގައި އެހީތެރިވެދީފައި ވާތީއެވެ. މީގެ އިތުރުން އުސޫގެ މައްޗަށް، ގާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން, ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ ވެސް ވަނީ އުފުލާފައެވެ. އެއީ ޔާމީން ރަޝީދުގެ ބްލޮގްގަ އާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އިސްލާމްދީނާ ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓުކުރަމުން ގެންދާކަމަށް ބުނެ، އޭޕްރީލް 23، 2017 ދުވަހުގެރޭ އަނިޔާވެރިގޮތަކަށް ޔާމީން ރަޝީދު މަރާލުމަށްޓަކައި، 2017 ވަނަ އަހަރުގެ ތެރޭގައި ޔާމީން ރަޝީދުއަށް ފާރަލައި، ޔާމީން ރަޝީދު މަރާލުމަށް އެހީތެރިވެދީފައި ވާތީ އެވެ.

މި މައްސަލައިގައި ދެން ދައުވާ އުފުލާ އަހްމަދު އިސްމާއީލް (އަހަނދު)ގެ މައްޗަށް ދައުވާ ކުރަނީ، ގާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 2 ގެ (ހ) އާއި، (ށ) އާއި، (ކ)އާއި، އެ ގާނޫނުގެ 3 ވަނަ މާއްދާއާ ހަވާލާދީ، އެ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން, ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. އެއީ ރިޟްވާން މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާތީ އާއިއަހަނދެ އާއި އޭނާގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، 8 އޯގަސްޓް 2014 ދުވަހުގެ ދަންވަރު ރިޟްވާން ރަހީނުކޮށް މަރާލާފައި ވާތީއެވެ. މީގެ އިތުރުން އަހަނދެގެ މައްޗަށް ހާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން, ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ ވެސް ވަނީ އުފުލާފައެވެ. އެއީ އޭޕްރީލް 23، 2017 ދުވަހުގެ ރޭ އަނިޔާވެރި ގޮތަކަށް ޔާމީން ރަޝީދު މަރާލުމަށް މަގުފަހިކޮށްދިނުމަށްޓަކައި، ޔާމީން ރަޝީދަށް ފާރަލުމުގެ ކަންކަން އިންތިޒާމުކޮށް، އެކަން ކުރުމަށް އަހަނދެ އެހީތެރިވެދީފައި ވާތީއެވެ.

ދެން މި މައްސަލައިގައި ދައުވަ އުފުލާފައިވާ އަހްމަދު މުއާޒުގެ މައްޗަށް އުފުލާފައި ވަނީ، ގާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 2 ގެ (ހ) އާއި، (ށ) އާއި، (ކ) އާއި، އެ ގާނޫނުގެ 3 ވަނަ މާއްދާއާ ހަވާލާދީ، އެ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން, ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. އެއީ ރިޟްވާން މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާތީ އާއި، މުއާޒު އާއި، މުއާޒުގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، އޯގަސްޓް 8، 2014 ދުވަހުގެ ދަންވަރު ރިޟްވާން ރަހީނުކޮށް މަރާލާފައި ވާތީއެވެ.

މި ތިން މީހުންގެ ތެރެއިން އަހަނދަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ. ހަމައެހެންމެ ސީރިއާ އާއި ޕާކިސްތާނަށް މީހުން ފޮނުވާ ކަމަށް ފުލުހުން އޭނާއަށް ތުހުމަތު ކުރެއެވެ. އަދި އިސޫ އަކީ ސީރިޔާގެ ހަނގުރާމައަށް ދާން އުޅެނިކޮށް ތުރުކީ ބޯޑަރު ކައިރިން 2015 ވަނަ އަހަރު ހައްޔަރު ކުރި މީހެކެވެ.

ރިޟްވާން ގެއްލިފައި ވަނީ މީގެ ގާތްގަނޑަކަށް އަށް އަހަރު ކުރިން އޮގަސްޓް 8، 2014 ވަނަ ދުވަހުގައެވެ. އެ މައްސަލަ މަރު ކޮމިޝަނުން ތަހުގީގުކޮށް އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ ހަރުކަށި ފިކުރުގެ ބަޔަކު އޭނާ ގަދަކަމުން ގެންގޮސް މަރާލުމަށް ފަހު ކަނޑު ފައްތާލާފައިވާ ކަމަށެވެ.

ޔާމީނަށް ބޮޑެތި އަނިޔާތަކެއް ދިނުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުން ދިޔަ މ. ސްޕެޓޫލާގޭގެ ސިޑި ކައިރިން 2017 ވަނަ އަހަރުގެ އޭޕްރީލްގެ 23 ވަނަ ދުވަހުގެ ރޭގައެވެ.