ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމަާޒުކޮށް 6 މެއި ގައި ދިން ހަމަލާއާ ގުޅުން ހުރި އަށް މީހެއް ފުލުހުންގެ ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ ފުލުހުންގެ ފަރާތުން ލިބުނު މައުލޫމާތަށް ބަލާ އިރު، މައްސަލައާ ގުޅޭ އަށް މީހެއް ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އޭގެ ތެރެއިން ހަތަރު މީހުންގެ މައްސަލައިގެ ތަހުގީގު ނިންމައި ވަރަށް އަވަހަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ހަތަރު މީހުންނެއް ކަމެއް އެމަނިކުފާނު ވިދާޅެއް ނުވެއެވެ.

މި ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ފުލުހުން މިހާތަނަށް މައުލޫމާތު ހާމަކޮށްފައިވާ މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެއެވެ. މި ހަތަރު މީހުންގެ ތެރެއިން އަދުހަމަކީ ނަޝީދަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހާއެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ސެކިއުރިޓީ ފޯސަސްއާ ބެހޭ ގޮތުން ތައްޔާރު ކުރާ އިންޓެލިޖެންސް އޮޑިޓް ވަނީ ނިމުމަކާ ގާތްވެފައި ކަމާއި ތަހުގީގީ މަރުހަލާގެ މައުލޫމާތުތައް އެ މަނިކުފާނަށް ވަގުތުން ވަގުތަށް ލިބިވަޑައިގަންނަވަމުން ދާ ކަމަށެވެ.