ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ބަލި މީހަކަށް އަނިޔާ ކުރި ބަންގްލަދޭޝް ޝަރިފް ހާނު، ޝަރީއަތް ނިމެންދެން ބަންދު ކުރަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރު ކޮށްފިއެވެ.

މި ގޮތަށް އަމުރު ކޮށްފައިވަނީ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައެވެ.

ޝަރިފް ހާނަކީ އެ ބަލި މީީހާއަށް އެހީތެރިވުނަށް އާއިލާގެ ފަރާތުން ހަމަޖައްސާފައި މީހެކެވެ. ގާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 120 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ މިއަދު ޕީޖީ އޮފީހުން ވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފައެވެ.

ބަލިމީހާއަށް އަނިޔާކުރި މައްސަލަ ފުރަތަމަ ފެންމަތިވީ މިދިޔަ މަހުގެ ފަހުކޮޅު މީޗް މީޑިއާގައި އާންމުވި ވީޑިއޯއަކުންނެވެ. އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ބަލި މީހާ ކައިރީގައި ހުރި އެ މީހާ ވަރަށް ބާރަށް ބަލި މީހާގެ ކޯތާފަތްމަތީ ޖަހައެވެ. އަދި ތަދުވެގެން އެމީހާ ވަރަށް ބޮޑަށް ރޯން ފަށައެވެ. އެ މީހާ ރޯން ފެށުމުން ބިދޭސީ މީހާ އެ ތަނުން ދުރައްދާތަން ފެނެއެވެ.

މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް އުމުރުން ދުވަސްވީ މީހަކަށް އޭނާއަށް އެހީތެރިވެދާން ހުރި މީހަކު އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައި ވަނީ މެޑިކަލް ފެސިލިޓީގެ އިންތިޒާމުތަކާ ގުޅިގެން އެތައް ބައެއްގެ ޝަކުވާ ފުނިޖެހިފައި ވަނިކޮށެވެ.