ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖެހުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 188،788 މީހަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން ހާމަ ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މިހާތަނަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 316،497 މީހުންނެވެ. އޭގެތެރެއިން 188،788 މީހުން ވަނީ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

މިދިޔަ އާދިއްތަ ދުވަހު ކޮވިޑް ވެކްސިން ޖުމްލަ 1288 މީހަކަށް ޖަހާފައި ވާއިރު، އޭގެ ތެރެއިން 236 މީހަކަށް ވަނީ ކޮވިޑް ވެކްސިންގެ އެއްވަނަ ޑޯޒް ޖަހާފައެވެ. އެއީ މާލެއިން 86 މީހަކާއި އަތޮޅުތެރެއިން 150 މީހެކެވެ. އަދި ދެވަނަ ޑޯޒް ޖެހި މީހުންނަށް ބަލާއިރު ޖުމްލަ 1052 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. އެއީ މާލެއިން 246 މީހަކާއި އަތޮޅު ތެރެއިން 806 މީހެކެވެ.

ވެކްސިން ޖެހި މީހުންގެ ތެރެއިން ގިނަ ބަޔަކު ވެކްސިން ފުރިހަމަ ނުކޮށް ތިބެން ޖެހިފައި ވަނީ ރާއްޖެއަށް ގެނައި ކޮވިޑް ވެކްސިންގެ ސްޓޮކް ހުސްވުމުންނެވެ. ނަމަވެސް ސިންގަޕޫރްގެ އެސްޓްރާޒެނެކާ ކުންފުނިން ގަންނަން މަސައްކަތް ކުރާ 500،000 ޑޯޒްގެ ކޮވިޑް ވެކްސިން އަންނަ މަހު ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި ސަރުކާރުން އިއްޔެ ވަނީ އެސްޓްރާޒެނެކާ ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައެވެ. މިއާ އެކު މިހާރު ރާއްޖޭގައި ކޮވިޑުން ރައްކާތެރިވުމަށް 7 ވެކްސިނެއް ބޭނުން ކުރަން ވަނީ ހުއްދަ ދީފައެވެ.

ކޮވިޝީލްޑް ވެކްސިން ޖަހާފައި ތިބި މީހުންނަށް އެސްޓްރަޒެނެކާ ޖެހޭނެއެވެ. އެއީ ދެ އިންސްޓިޓިއުޓެއްގައި އުފެއްދި ކަމުގައި ވިޔަސް އެއް ވެކްސިނެކެވެ. އަންނަ މަހު އެސްޓްރާޒެނެކާ ވެކްސިން ލިބޭނެ ކަމަށް ބުނާއިރު، ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް 6 މަސް ތެރޭ ދެވަނަ ޑޯޒް ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.