ހުރިހާ ހަރަދެއް ލިބޭ 18 ސްކޮލާޝިޕެއްގެ ފުރުސަތު މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން ހުޅުވާލައިފިއެވެ.

ހަޔާ އެޑިޔުކޭޝަން އިން ބުނީ ހުޅުވާލައިފާ ވަނީ ބެޗްލާސް އޮފް އޯޑިއޮލޮޖީ އެންޑް ސްޕީޗް ލޭންގުއޭޖް ޕެތޮލޮޖީ އިން 11 ފުރުސަތާއި ބެޗްލާސް އޮފް އޮކިއުކޭޝަނަލް ތެރަޕީ ދާއިރާއިން 7 ފުރުސަތެއް ކަމަށެވެ.

މި ދެ ކޯހުގެ ޝަރުތަކަކީ؛

  1. ޖީސީއީ އޯލެވެލް / އައިޖީސީއެސްސީ / އެސްއެސްސީ އިމްތިހާނުގެ ފިޒިކްސް، ކެމިސްޓްރީ އަދި ބަޔޮލޮޖީ ހިމެނޭގޮތައް 05 މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލް ކޮށްފައިވުން.
  2. ޖީސީއީ އޭ ލެވެލް އިމްތިހާނުގެ ފިޒިކްސް، ކެމިސްޓްރީ އަދި ބަޔޮލޮޖީ 03 މާއްދާއިން "ޑީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލް ކޮށްފައިވުން ނުވަތަ ޖީސީއީ އޭ ލެވެލް އިމްތިހާނުގެ ފިޒިކްސް، ކެމިސްޓްރީ އަދި ބަޔޮލޮޖީ ހިމެނޭގޮތައް 02 މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުް ކޮށްފައިވުން.
  3. ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލް ކޮށްފައިވުން.

މިސްކޮލާޝިޕްގެ ހުރިހާ ހަރަދެއް (ދެކޮޅު ޓިކެޓް، ސްޓައިޕެންޑް، އެސްޓަބްލިޝްމަންޓް އެލަވަންސް، ބުކް އެލަވަންސް، ކޯސްފީ އަދި އިންޝުއަރެންސް) ހަމަޖައްސާނީ، ތެރަޕިއުޓިކް ދާއިރާއިން ދިވެހިން ތަމްރީނުކުރުމަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން އާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަދި ބައެއް އަމިއްލަ ފަރާތްތަކާ ގުޅިގެން މިކަމަށް ހާއްސަ ކޮށްފައިވާ ސްކީމުގެ ދަށުން ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ހަޔާ އެޑިޔުކޭޝަން އިން އިތުރަށް ބުނީ ބެޗްލާސް އޮފް އޯޑިއޮލޮޖީ އެންޑް ސްޕީޗް ލޭންގުއޭޖް ޕެތޮލޮޖީ ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އިންޑިޔާގެ ބެންގަލޫރް ގައި ހުންނަ ނަސީމާ އިންސްޓިޓިއުޓް އޮޕް ސްޕީޗް އެންޑް ހިއަރިންގާ ކަމަށާއި ބެޗްލާސް އޮފް އޮކިއުޕޭޝަނަލް ތެރަޕީ ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އިންޑިޔާގެ މަނިޕާލް ގައި ހުންނަ މަނިޕާލް އެކަޑެމީ އޮފް ހަޔާ އެޑިޔުކޭޝަން ގާ ކަމަށެވެ.

މިކޯސްތަކާ ބެހޭ އިތުރު މައުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަން ވީގޮތުގެ މައުލޫމާތު މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގެ ވެބްސައިޓް ލިބެން ހުންނާނެއެވެ. މި ކޯސްތަކަށް ކުރިމަތިލުމުގެ ފަހު ތާރީހަކީ އޮގަސްޓު 1، 2021 އެވެ.