ހަޔާތުގެ ބާކީ އޮތްތަނުގައި އުޅެންޖެހެނީ ބަޅު މެދު އިނގިއްޔަކާ އެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އަހަރީ ދުވަހާ ގުޅިގެން، "ކްލަބް ހައުސް" ގައި ވަހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ހާލކޮޅު ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށާއި އަދި އެތެރެ ހަށީގެ ހުރިހާ ގުނަވަނެއް ވެސް ރަނގަޅުކަމަށް ޑޮކްޓަރުން ބުނާ ކަމަށެވެ.

އެހެން ނަމަވެސް އިނގިއްޔާއި، ކަންފަތާއި ފައި ފަދަ ތަންތަނުގައި ކުޑަކޮށް މައްސަލަ ހުރިކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ ކަނާތުގެ ތިން އިނގިލި ހުންނަނީ އައްސިވެފައި ކަމަށާ އަދި އޭގެ ތެރެއިން މެދު އިނގިލި ހުންނާނީ ބަޅުވެފައި ކަމަށް ޑޮކްޓަރު ބުނި ކަމަށެވެ.

އެކަން ރަނގަޅު ކުރަން އިތުރު އޮޕަރޭޝަނެއް ކުރަން ޖެހޭނެ ކަމަށް ޑޮކްޓަރު ބުނި ކަމަށާއި ނަމަވެސް ގަސްދު ކުރައްވަނީ ހަޔާތުގެ ބާކީބައި ބަޅު އިނގިއްޔަކާ އެކު އުޅުއްވަން ކަމަށް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.

އަޅުގަނޑުގެ މެދު އިނގިލި އިނީ ބަޅުކޮށް، ދެން އަޅުގަނޑު ޑޮކްޓަރު ކައިރީ ބުނިން ބަޅު އިނގިއްޔާ އެއްކޮށް އުޅޭނިއްޔޭ
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު

މިދިޔަ މަހު 6 ގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ޖަރުމަނުގައި ހުންނެވި އިރު އެމަނިކުފާނުގެ ހަށިކޮޅަށް ލިބިވަޑައިގަތް ޒަހަމް ތަކުގެ ތެރެއިން ފަޔަށް ލިބިވަޑައިގަތް ޒަހަމް ފިޔަވައި އެހެން ހުރިހާ ޒަހަމެއް ވަނީ ފަސޭހަވެފައި ކަމަށް އާއިލާއިން ހާމަކުރެއެވެ.