އުމުރުން 13 އަހަރުގެ ކުޑަކުއްޖަކު ރަހީނު ކުރުމަށް ފަހު މަރާލި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ބޭއްވި ބައްދަލުވުން ސިއްރު ކޮށްފިއެވެ.
މިއަދު ހަވީރު 4 ޖެހި އިރު ބޭއްވި އެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓްރީއާއި ފުލުހުންނާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ އިސް ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
އެބައްދަލުވުން ސިއްރުކޮށްފައި ވަނީ ކުއްޖާގެ ބައެއް މައުލޫމާތުތައް އާންމުވުމަކީ އެންމެ މަސްލަހަތު ހުރިގޮތްކަމަށް ނުވެ، އެ ކުއްޖާއާއި ކުއްޖާގެ އާއިލާގެ ރައްކާތެރިކަމަށް ކަމަށް އެކޮމެޓީގެ މުގައްރިރު ޖީހާން މަހުމޫދު ވަނީ ވިދާޅުވެފައެވެ.
13 އަހަރުގެ ކުއްޖަކު ރަހީނު ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މި ދިޔަ އާދިއްތަ ދުވަހު އެވެ. އެ ކުއްޖާ ހޯދަމުން ދަނިކޮށް މަރާލާފައި އޮއްވާ ފެނިފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 2:38 ގައެވެ. ފެނުނު އިރު އެ ކުއްޖާ އޮތީ ފޮށިގަނޑަކަށް ލާ ހުޅުމާލެ ފޭސް 2 އާ ދިމާ މޫދަށް އެއްލާލާފައެވެ. މި ކުއްޖާ މަރާލުމުގައި ކުއްޖާއަށް ގިނަ އަނިޔާތަކެއް ދީފައި ވާއިރު ނޭވާ ހާސްކޮށްލަން ކަރުގައި އެއްޗެއް އޮޅާފައި ވާކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ދަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ. ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ އިރު މިދިޔަ ބުރާސްފަތި ދުވަހު ވަނީ މަރާލި ކުއްޖާގެ ހަށިގަނޑު ހުޅުމާލެއަށް ގެންދިޔަ ކާރު ބަލާ ފާސްކޮށްފައެވެ. އެ ކާރަކީ ޓެކްސީއެކެވެ. އަދި ޓެކްސީ ދުއްވި މީހާ މި އަމަލު ހިންގުމުގައި ޝާމިލުވެފައިވާ ކަން ކަށަވަރު ވެފައެއް ނުވެއެވެ.
މި މައްސަލައިގައި މިހާތަނަށް ވަނީ 2 މީހަކު ހައްޔަރު ކޮށްފައެވެ. އެއީ 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހުންގެ ބަންދަށް މުއްދަތު ޖަހަން ނެރުނު އަމުރުގައިވާ ގޮތުން 27 އަހަރުގެ ފިރިހެން މީހާގެ މައްޗަށް ފުލުހުން ތުހުމަތުކޮށްފައި ވަނީ މާރާމާރީ ހިންގުމާއި، ކުޑަކުއްޖަކާ މެދު ޖިންސީ ގޯނާ ކުރުމާއި، ރަހީނު ކުރުމާއި އަދި ގަސްދުގައި މީހަކު މެރުމުގެ ތުހުމަތެވެ. މި ތުހުމަތުތައް ވަނީ މި މައްސަލައިގައި ހައްޔަރު ކުރި 17 އަހަަރުގެ ކުއްޖާއަށް ވެސް ކޮށްފައެވެ.
މި މައްސަލައިގައި ހައްޔަރު ކުރި 17 އަހަރުގެ ކުއްޖާގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. އަދި 27 އަހަރުގެ މީހާއަށް ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހުކުމް ކޮށްފައެވެ. މި ދެމީހުން ހައްޔަރު ކޮށްފައި ވަނީ ހ. އެކްސްޓްރާ ހެވަން ގެސްޓްހައުސްގައި ފިލާ ތިއްބައި ހޯމަ ދުވަހުގެ ރޭ 9:30 ގައެވެ.